ރާއްޖެއިން ނުރައްކާތެރި މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނިގެން ކޮންޓްކްޓް ޓްރޭސިން ހަދަން ފަށައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިންވޭސިވް މެނިންގޯކޮކަލިން ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިން ހަދައި، ކޮންޓްކެޓްވީ ފަރާތްތަކަށް މައުލޫމާތުދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ފަށައިފައިވާ ކަމަށެވެ.
"މިއަހަރު ހައްޖަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު" އެޗްޕީއޭއިން ބުންޏެވެ.
މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ކަމަށް އެޗްޕީއޭއިން ބުންޏެވެ. ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެ ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ އެއް ދުވަހާއި 10 ދުވަހުގެ ދެމެދުގައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އެޗްޕީއޭއިން ބުނީ މެނިންޖައިޓްސް ވެކްސިން ޖެހުމުން އެ ބަލިން ރައްކާތެރިކޮށްދޭނެ ކަމަށެވެ. އަދި މެނިންޖައިޓްސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަޑަކަށް ދެ ހަފުތާވަރު ނަގާނެ ކަމަށެވެ.
އެ ބަލިން ރައްކާތެރިވުމަށް މަދުވެގެން ދެ ހަފުތާ ކުރިން ވެކްސިން ޖެހުން މުހިންމު ކަމަށް އެޗްޕީއޭއިން ބުންޏެވެ.