ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ހާލު ދެރަވެ، އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް، މިއަދު ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް މުއިއްޒު، އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބަކާއަކީ ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް، ވަކިން ހާއްސަކޮށް ފުޓްބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ ފަރާތެއް ކަމަށެވެ. އަދި ވިދާޅުވީ ބަކާ ނިޔާވުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ފުންހިތާމެއް ކަމަށެވެ.
"މިހިތާމަވެރި ވަގުތު މަރުހޫމް މުހައްމަދު އާރިފްގެ އާއިލާއަށް ކެތްތެރިކަން ދެއްވުން އެދެމެވެ. އަދި މަރްހޫމް މުހައްމަދު އާރިފަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވައިި، ކީރިތި ﷲ ގެ ނިއުމަތާ ރަހްމަތުގައި ލެހެއްޓެވުން އަދި ދުއާކުރަމެވެ،" ރައީސް ވިދާޅުވިއެވެ.
އުމުރުން 38 އަހަރުގެ ބަކާގެ ހާލު ކުއްލިއަކަށް ގޯސްވީ މިދިޔަ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަން އަދާކޮށްފައި އައުމަށްފަހުއެވެ. އެގޮތުން ހައްޖުން އައި އިރުވެސް ރޯގާ ޖެހިފައި ހުރި ކަމަށާއި ނަމަވެސް ކުއްލިއަކަށް ހާލު ގޯސްވީ ގަދަ ހުމެއް އައިސްގެން ކަމަށްވެސް އެނގިފައިވެއެވެ.
ބަކާއަކީ ރާއްޖެ ދުށް އެންމެ ކާމިޔާބު އެއް މިޑްފީލްޑަރެވެ. އައްޑޫ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގުރާމުގެ ތެރެއިން ވިދާލި ބަކާގެ ފުޓުބޯޅަ ކެރިއަރު، 2004 ވަނަ އަހަރު ފަށާފައިވަނީ އައިލެންޑް އެފްސީންނެވެ. އޭގެފަހުން ވީބީ އައްޑޫ އެފްސީން ނެރުނު ތަރިންގެ ޓީމުގައި ބަކާ ހިމެނުނު އިރު، އޭނާ ވަނީ ވެލެންސިއާ، ނިއު ރޭޑިއަންޓް، ވިކްޓަރީގެ އިތުރުން އީގަލްސް އާއި މާޒިޔާއަށް ވެސް ކުޅެފައެވެ.
ބަކާ ވަނީ 2015 ވަނަ އަހަރު ރާއްޖެއިން ބޭރުގެ ކްލަބަކަށް ވެސް ކުޅެފައެވެ. މިޔަންމާ ލީގުގެ ކަންބައުޒާއަށް ބަކާ އެ އަހަރު ކުޅެފައިވާ އިރު، އޭނާއަކީ 2010 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އަދި ޖެހިގެން އައި 2011 ވަނަ އަހަރު ބަކާ ވަނީ ރާއްޖޭގެ ދެވަނަ ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފައެވެ.
ގައުމީ ޓީމަށް 58 މެޗު ކުޅެދީފައިވާ ބަކާ ވަނީ 2005 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވެސް ކުޅެފައެވެ. އަދި އޭގެ ފަހުން 2008 ވަނަ އަހަރު ރާއްޖެއިން ތަށި ހޯދި ޓީމުގައި ވެސް ބަކާ މުހިއްމު ރޯލެއް އަދާކުރި އިރު، އެންމެފަހުން 2018 ވަނަ އަހަރު ސާފްގެ ރަން މެޑަލް ހޯދި ޓީމުގައި ވެސް އޭނާ ހިމެނިފައިވެއެވެ.