ޚަބަރު

ސީމަނުންގެ ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ސީ ފެއާރާސް ނުވަތަ ބޯޓު ދަތުރުކުރާ މީހުންގެ އަތުގައި އޮންނަން ޖެހޭ ސީ ފެއާރާސް އައިޑެންޓިޓީ ޑޮކިއުމެންޓް (އެސްއައިޑީ) ރާއްޖެއިން ލިބޭނެ ގޮތް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ.

ރާއްޖެއަށް އެސްއައިޑީ ތައާރަފުކޮށްދެއްވީ، ބައިނަލްއަގުވާމީ ސީމަނުންގެ ދުވަސް ފާހަގަކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެސްއައިޑީ ދިވެހި ސީމަނުންނާ ހަވާލުކުރަން މިހާރު ފަށައިފައިވާ ކަމަށެވެ. އެސްއައިޑީ އޮންނަނީ ކާޑެއްގެ ގޮތުގައެވެ.

އެސްއައިޑީއަކީ އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަންގެ "ދަ ސީ ފެއާރާޒް އައިޑެންޓިޓީ ޑޮކިއުމެންޓްސް ކޮންވެންޝަން" މުއާހަދާއަށް 2003 ގައި ގެނައި ބަދަލާ އެއްގޮތަށް އާގު ބޯޓުފަހަރުގައި މަސައްކަތް ކުރާ މީހުންގެ އަތުގައި އޮތުން މަޖުބޫރު ލިޔުމެކެވެ.