ރާއްޖެއަށް އެއް ގައުމަކުން އެއްލައްކަައަށްވުރެ ގިނަ ބިދޭސީ މަސައްކަތްތެެރިން ނުގެނެވޭ ގޮތަށް އޮތް އޮތުން އުވާލުމަށް ގާނޫނަށް އިސްލާހު ހުށަހަޅަން ނިންމައިފިއެވެ.
އެކަން ހާމަކުރެއްވީ ހޯމް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.
ބަންގްލަދޭޝުން މީހުން ގެނައުން ސަރުކާރުން މިހާރު އޮތީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އެއީ އެ މީހުންގެ ރެކޯޑް ބެލެހެއްޓުން ނިޒާމީ ގޮތެއްގައި ވަރުގަދަ ކުރުމަށް އަޅާ ފިޔަވަޅުތަކެއް ނިމެންދެނެވެ. މިނިސްޓަރު މިއަދު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ފިޔަވަޅުތަކުގެ މަސައްކަތް ނިމޭނެ އެވެ.
"ހަމަ އެއާ އެކު [ބަންގްލަދޭޝުން މަސައްކަތުމީހުން ގެނައުމުގެ ފުރުސަތު] ހުޅުވައިލުމާ އެކު މިދަންނަވާ އެއް ލައްކަ މީހުންގެ ލިމިޓް ހަމަވާނެ. އެހެންވެއްޖެއްޔާ ދެން އޮންނާނީ، އަޅުގަނޑުމެން މަޖިލީހަށް ރިކޮމެންޑްކުރާނަން އެ ލިމިޓް ނަގަައިދޭށޭ. އެކަމަކު އެ ނަގައިދޭނީ މިދަންނަވާ ސޭފްގާޑްތައް އަޅުގަނޑުމެން އަޅައި ނިމުނީމާ،" މިނިސްޓަރު ވިދާޅުވި އެވެ.
ބަންގްލަދޭޝުން އެއްލައްކައަށް ވުރެ ގިނަ މަސައްކަތުމީހުން ނުގެނެވޭ ގޮތަށް ބާއްވައިގެން، "ރާއްޖޭގައި މިވަގުތު އޮތް ލޭބާ ޑިމާންޑަށް ކޭޓާކުރެވޭނެ ކަމަށް ގަބޫލުނުކުރާ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބަންގްލަދޭޝުން އެއްލައްކައަށް ވުރެ ގިނަ މަސައްކަތު މީހުން ގެނައުމުގެ ކުރިން ސަރުކާރުން އަޅަނީ މިނިސްޓަރު ވިދާޅުވި ގޮތުގައި މައިގަނޑު ދެ ފިޔަވަޅެކެވެ.
ފުރަތަަމަ ކަމަކީ ބިދޭސީންގެ ރެކޯޑް ބަލަހައްޓާ ގޮތަށް ގެންނަ ބަދަލެކެެވެ. އެއީ "ހަންޑްރެޑް ޕަސެންޓް ބަޔޯމެޓްރިކަލީ އެކައުންޓަބަލް ސިސްޓަމަކަށް" ބަދަލުކުރައްވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
ދެވަނަ ކަމަކީ ބިދޭސީ މަސައްކަތު މީހުން ރަށްރަށަށް ދާ އިރު އެ ރަށްރަށުގެ ކައުންސިލްތަކުން ވެސް އެ މީހުންގެ ރެކޯޑް ބެލެހެއްޓޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އެގޮތުން މަރުކަޒީ ގޮތުން ސަރުކާރުން ދޭ ވޯކްޕާމިޓް އޮންނަ މީހާ ރަށެއްގައި މަސައްކަތް ކުރާ ނަމަ، އެ ރަށެއްގެ ކައުންސިލުން ވެސް ވޯކްޕާމިޓް އެންޑޯޒް ކުރަން ޖެހޭނެ އެވެ.
އިހުސާން ވިދާޅުވީ ގޮތުގައި ސައްހަ ލިޔެކިއުން ނެތި ބިދޭސީން ރާއްޖޭގައި އުޅޭ މައްސަލައަށް އޭރުން ދާއިމީ ހައްލެއް ލިބޭނެ އެވެ.