އިބްރާހިމް ޒަކީ
މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އެކުލަވާލަން އިތުރު އެއް މަސް ދުވަހުގެ މުއްދަތެއް ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވައި ކުރެއްވުމަށްފަހު މަޖިލީހުގެ އާ ގަވާއިދު އެކުލަވާލުމަށް އާންމު ކޮމިޓީއާ ހަވާލުކުރުމަށްފަހު އެ ގަވާއިދު ނިމެންދެން ކުރީގައި އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން އަމަލުކުރަމުން އައި ގަވާއިދަށް އަމަލުކުރަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
އެ މަސައްކަތް ކޮމިޓީއާ ހަވާލުކުރަށް މަޖިލީހުން ފާސްކުރީ މާދަމާގެ ނިޔަލަށް ގަވާއިދު އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބްދުﷲ ވިދާޅުވީ ގަވާއިދު އެކުލަވާލައި ނިންމަން ދިން މުއްދަތު މާދަމާއަށް ހަމަވި ނަމަވެސް އެ މުއްދަތައް މަސައްކަތް ނުނިމޭތީ އިތުރު މުއްދަތެއް ދިނުމަށް ކޮމިޓީން ހުށަހަޅާފައިވާ ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ ކޮމިޓީން ހުށަހަޅާފައި ވަނީ އިތުރު އެއް މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ކަމަށާއި އެހެންކަމުން އެ މުއްދަތު ދިނުމާ ގުޅޭ ގޮތުން މަޖިލީހުގެ މިއަދުގެ ވޯޓު ގަޑީގައި ވޯޓަށް އައްސަވާނެ ކަމަށެވެ.