ފްލޯޓިންގް އައިލެންޑްސް ބޭނުންކޮށްގެން ރާއްޖޭގައި ރަށްތަކެއް ހެދުމަށް އަނެއްކާވެސް ސޮއިކޮށްފި އެވެ.
ނެދަލެންޑްސްގެ އީޖާދެއްކަމުގައިވާ ފްލޯޓިންގް އައިލެންޑްސް ބޭނުންކޮށްގެން ރާއްޖޭގައި ރަށްތަކެއް ހެދުމަށް ޑަޗް ޑޮކްލެންޑްސް ކުންފުންޏާއެކު އެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަހްމަދު ސޯލިހެވެ. އަދި ޑަޗް ޑޮކްލެންޑްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޕޯލް ވަން ޑެ ކަމްޕްއެވެ.
ނެދަލެންޑްސްއިން ސްރީލަންކާއާއި ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޮއޭން ޑޫންވާޑް ވަނީ މި އެއްބަސްވުމުގައި ސޮއިކުރެއްވިކަން ޓްވިޓާ މެދުވެރިކޮށް ހާމަކުރައްވާފައެވެ. ޖޮއޭން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނެދަލެންޑްސްގެ ފްލޯޓިންގް އައިލެންޑްސް ޓެކްނޮލޮޖީން ބޭނުންކޮށްގެން، ކްލައިމެޓް އެޑެޕްޓޭޝަނަށް ރާއްޖެއަށް އެހީތެރިވާނެ ކަމަށެވެ.
ފްލޯޓިންގް އައިލެންޑް ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ރިސޯޓު ހެދުމަށް މީގެ ކުރިންވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެގޮތުން އެ އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއިކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، 2010 ވަނަ އަހަރުގަ އެވެ.