ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
އެގޮތުން ސޫޖީއަކީ ރޯދަމަހު ގިނަ ގޭގޭގައި ކޮންމެ ދުވަހަކުހެން ބޭނުން ކުރާ ބާވަތެއްގެ މީރު ބުއިމެކެވެ.
1/2 ޖޯޑު ރަވާ
2 ޖޯޑު ހަކުރު
1 ޖޯޑު މާފެން
5 ޖޯޑު ފެން
1/2 ޖޯޑު ކަނަމަދު (މެދުން ފަޅާފައި)
1/2 ޖޯޑު ހިކި މޭބިސްކަދުރު
4 ސަމުސާ ގިތެޔޮ
1/2 ދަޅު ގެރި ކިރު
1 ޖޯޑު ފިޔާ (ތުނިކޮށް ކޮށާފައި)
1 އިންޗި ފޮނިތޮށި
4 ކާފޫރު ތޮޅި (ދެކޮޅު ބުރިކޮށްފައި)
2 އިންޗި ހުންނަ ވަރުގެ 3 ރާނބާފަތްކޮޅު
2 ސަމުސާ ވެނީލާ އެސެންސް
އުނދުންމައްޗަށް ތެލި އުފާދައި ގިތެޔޮ ހޫނުވުމުން އޭގެ ތެރެއަށް ފިޔާ، ކަނަމަދު، މޭބިސްކަދުރު، ފޮނިތޮށި ކާފޫރުތޮޅި، ރާނބާފަތް އަޅައިގެން ފިޔާކޮޅު ކުޑަކޮށް ރަތްވެލަންދެން ދޭފަތުން ހަލާށެވެ.
އެއަށްފަހު ރަވާ އަޅައި ހާކައިލުމަށްފަހު ފެން، ހަކުރު، އަޅައިގެން މަޑުގިނީގައި ކައްކާށެވެ. ރަވާކޮޅު ރޯފިލުމުން ގެރިކިރު އަޅައިގެން މަޑުގިނީގައި ބަހައްޓައިގެން ރަހަ އެއްވަރުކުރާށެވެ. ދެން މާފެނާއި ވެނީލާ އެސެންސް އެޅުމަށްފަހު 2 މިނެޓެއްހާއިރު ކައްކާލުމަށްފަހު ބާލާށެވެ.