ޚަބަރު

ކޮވިޑް ވެކްސިނުން ބަޔަކު މަރުވި ކަމަށް ބުނެ އެ މައްސަލަަތައް ބަލަން ގޮވާލައިފި

އިބްރާހިމް ޒަކީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ދިން ވެކްސިންތަކުގެ ސަބަބުން ބައެއް މީހުން މަރުވި ކަމަށް ބައެއް އާއިލާތަކުން ތުހުމަތުކުރާ މައްސަލަތައް ތަހުގީގުކުރަން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ގޮވާލައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ސިއްހީ ހިދުމަތުގެ ގާނޫނަށް ހުށަހެޅި އިސްލާހަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުން އޭނާ ވިދާޅުވީ، ކޮވިޑް ފެތުރުނު ދުވަސްވަރު ވެކްސިން ޖަހައިގެން މަރުވި އާއިލާތަކާއި އެ މީހުންނަށް ހައްގު ހޯދައި ދޭންޖެހޭ ކަމަށެވެ. ކޮވިޑް މަރުތަކާ ގުޅިގެން ވަކި ކޮމިޓީއެއް އުފައްދައިގެންވެސް އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކަންތައްތައް ތަހުގީގު ނުކުރެވި އޮތުމުން މިހާރުވެސް ވަރަށް ގިނަ އާއިލާތައް ތިބީ ގިލަންވެރިކަމުގައި ކަމަށެވެ.

ކޮވިޑް-19 ދުވަސްވަރު ވެންޓިލޭޓަރުން ވައްކަން ކުރި މީހުންގެ މައްސަލައާއި ސިއްހީ ދާއިރާގެ ހިދުމަތްތަކުން ވައްކަން ކުރި މީހުންނާއި ހެޔޮ އަގުގައި ލިބުނު ވެކްސިން ބޮޑު އަގުގައި ވިއްކި މީހުންގެ މައްސަލަތައްވެސް ބަލަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.