އިބްރާހިމް ޒަކީ
މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ ވ. ކެޔޮދޫ/ ދޭލިއާގޭ، މޫސާ އަހުމަދު މަނިކު މަރާލި މައްސަލައިގައި ދައުވާކުރާ، އދ. މާމިގިލީ/ ސޭޑީގްރޯވް، އިބްރާހިމް ސައްމާހު އަހުމަދު ފަތުހީ ބަންދު ނުކުރަން ހައިކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އޭނާ ބަންދުކުރަން އެ މައްސަލަ ހައިކޯޓަށް ފޮނުވުމަށް ދައުލަތުން ސުޕްރީމް ކޯޓުގައި އެދިއްޖެއެވެ.
މި މައްސަލައަކީ ސެޕްޓެމްބަރު 2017 ގައި ސައިކަލެއްގައި ދަނިކޮށް ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މޫސާ އަހުމަދު މަނިކު މަރާލި މައްސަލައިގައި ސައްމާހުގެ މައްޗަށް ކުރި ދައުވާގެ މައްސަލައެކެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އާއި މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާ ސައްމާހުގެ މައްޗަށް ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.
މި މައްސަލައިގައި މޫސައަށް ހަމަލާ ދިނީ ސައްމާހު ކަމަށް ކޯޓުގައި ހެކިބަސް ދިނީ އެންމެ މީހެކެވެ. އޭނާވެސް އެ ހެކިބަސް ދިނީ ދައުލަތުން ބިރު ދެއްކުމުން ކަމަށް ބުނެ، ފަހުން ކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ހުކުމުގައިވެއެވެ. އެހެންކަމުން އެ ހެކިވެރިޔާގެ ހެކިބަހަށް އެކަނި ބެލުމުން އެއީ އިތުބާރު ހިފޭ ހެކިބަހެއް ކަމަށް ބެލެވެން ނެތް ކަމަށްވެސް ހުކުމުގައިވެއެވެ.
ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖުތަކުން ސައްމާހު އޭނާއަށް ހަމަލާދޭ މަންޒަރު ފެންނަ ކަމަށް ދައުލަތުން ބުނި ނަމަވެސް އެކަމަށް ބާރު ދޭ އެހެން ހެކިތަކެއް ނެތް ކަމަށްވެސް ހުކުމުގައިވެއެވެ. އެ ސަރަހައްދުގައި އެ ވަގުތު ސައްމާހު ނުހުންނާނެ ކަމަށް އޭނާގެ ދިފާއީ ހެކިން ބުނާތީ އެ ވީޑިއޯ އިން ފެންނަނީ އޭނާ ކަމާ މެދު ސުވާލު އުފެދޭ ކަމަށްވެސް ހުކުމުގައިވެއެވެ.
މީގެ އިތުރުން އެ މައްސަލައިގައި ނެގި އެއްވެސް ފޮރެންސިކް އެވިޑެންސަކުން ވެސް އެ ހާދިސާ އާއި ސައްމާހުއާ ގުޅުވައިލެވޭނެ ހެއްކެއް ނެތް ކަމަށްވެސް ހުކުމުގައިވެއެވެ.
އެހެންކަމުން މި މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން ކުރެއްވި ހުކުމުގައި ވަނީ ސައްމާހުގެ މައްޗަށް، ދައުލަތުން ކުރި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުނުވާ ކަމަށެވެ. އަދި މަގުބޫލު ސަބަބެއް ނެތި އާންމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާވެސް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ހުކުމް ކުރިއެވެ.
އޭރު އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ނަމަވެސް ކުރިމިނަލް ކޯޓުގެ ހުކުމާ ގުޅިގެން އޭނާ މިނިވަންވެ ދޫވިއެވެ.
އެ މައްސަލައިގައިި ކުރިމިނަލް ކޯޓުން ކުރި ހުކުމާ މެދު ހިތްހަމަ ނުޖެހިގެން، އެއީ ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ދެކޭ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ މައްސަލަ ވަނީ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލައިގެ އިސްތިއުނާފާ އެކު ސައްމާހު ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރި ހާލަތަށް ބަދަލެއް ނާންނަ ކަމަށާއި ސައްމާހަކީ ބަންދުގައި ހުންނަން ޖެހޭ މީހެއް ކަމަށް ބުނެ އެ އިސްތިއުނާފީ މައްސަލަ ބަލައި ގޮތެއް ނިމެންދެން ސައްމާހު ބަންދުކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށްވެސް ޕީޖީގެ ފަރާތުން ކޯޓުގައި އެދުނެވެ.
ނަމަވެސް މި އަހަރުގެ މާޗު 28 ގައި ހައިކޯޓުން ނިންމާފައި ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ. ހައިކޯޓުގެ އެ ނިންމުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ނިންމުމެއް ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އެ އަމުރުގެ މައްސަލަަ ސުޕްރީމް ކޯޓަށް މިއަދު ވަނީ ހުށަހަޅައިފައެވެ.
މިއަދުގެ އަޑުއެހުމުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ސައްމާހު ބަންދު ނުކުރުމަށް ހައިކޯޓުން ނިންމެވި ނިންމެވުމަކީ ގާނޫނު އަސާސީ އާއި ކޯޓުތަކުގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އަދި ޝަރީއަތް ކުރުމާ ބެހޭ ޖިނާއި އިޖުރާއަތުގެ ގަވާއިދާއި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ބާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ.
އެހެންކަމުން ހައިކޯޓުގެ ނިންމުމަކީ ބާތިން ނިންމުމެއް ކަމަށް ކަނޑައަޅައިދެއްވައި ސައްމާހުގެ ބަންދާ މެދު ގޮތެއް ނިންމުމަށްޓަކައި އެ މައްސަލަ އަލުން ހައިކޯޓަށް ތަހުވީލު ކޮށްދިނުމަށްވެސް ވަކީލު ސުޕްރީމް ކޯޓުގައި އެދިވަޑައިގެންނެވިއެވެ.
މި މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމަވައިލައްވަމުން މި މައްސަލަ ބައްލަވާ ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑީޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ދެ އޮންނާނީ މި މައްސަލައިގައި ގޮތް ނިންމުން ކަމަށެވެ.
މޫސަގެ މަރުގެ މައްސަލައިގައި އިތުރު ތިން މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާކޮށް ކުރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމް ކުރިއެވެ. އޭގެ ތެރެއިން ކުށް ސާބިތުވީ ސ. ހިތަދޫ, މުޑުދާސްގެ، އަލީ ހަސަންގެ މައްޗަށް އެކަންޏެވެ. އޭނާ 15 އަހަރު ދުވަހަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ. އެ މައްސަލައިގައި ދެން ދައުވާ ކުރި ނ. ޅޮހީ، ކަނީރުމާގެ، މުހައްމަދު ރިޔާޒު އަދި މ. ދިއްގަރު، ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދުގެ މައްޗަށް މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ސާބިތެއް ނުވިއެވެ.