ރޯދަމަސް

ވަން ރެސިޕީ: ފުފޫ ކަނދި

ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.

ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.

އެގޮތުން ފުފޫ ކަންޖަކީވެސް ވަރަށް މީރު، އަދި ހާއްސަކޮށް ރޯދަ މަހު ކާލަން މިއީ ވަރަށް ރަނގަޅު އެއްޗެކެވެ.

ބޭނުންވާ ތަކެތި:

2 ޖޯޑު ފުފޫ (ކުދިކޮށް ކޮށާފައި)
1 ޖޯޑު ހަކުރު
3 ޖޯޑު ފެން
1/2 ބައި ޖޯޑު މާފެން
1 ޖޯޑު ކާށި ކިރު
3 އިންޗި ރާނބާފަތް
2 ސައިސަމުސާ ކޯން ފްލާ

ތައްޔާރުކުރާނެ ގޮތް:

ފުރަތަމަ ތެއްޔަށް ފެން އަޅައިފައި އުނދުންމައްޗަށް އުދާށެވެ. ފެނުގެ ތެރެއަށް ރާނބާފަތް ލާށެވެ. ފެން ގަނޑު ކެކިގަތީމައި ކޮށާފައި ހުރި ފުފޫކޮޅާއި ހަކުރު ކޮޅު އަޅައިލާށެވެ. ފުފޫކޮޅު މަޑުވުމުން ކޯން ފްލާ، ކާށި ކިރު، މާފެން އަޅައިފައި މަޑުގިނީގައި ކުޑަ އިރުކޮޅަކު ބަހައްޓާފައި ތެލި ބާލާށެވެ.