ކުޅިވަރު ރިޕޯޓް

އެރިކްސަންގެ ހަނދާން އާވެގެން ދިޔަ ވަގުތުކޮޅެއް: ވާގާ މިހާރު ސްޓޭބަލް

ޑެންމާކުން ޔޫރޯ 2020ގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި ފިންލޭންޑާ ދެކޮޅަށް ކުޅެނިކޮށް، ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ "ޝޮކް" އަކަށް ދިޔަ ކަމަކަށެވެ. އިމަޖެންސީގައި މެޗު މެދުކަނޑާލައި ގިނަ ކަންތައްތަކެއް ހިނގައިދިޔައެވެ. ކުޅުންތެރިންނާއި ބަލަން ތިބި އެންމެންނަށްވެސް ނަފުސާނީ އަސަރުތަކެއް އެކަމުގެ ސަބަބުން ކުރިއެވެ. މެޗުގެ ބާކީ ބައި އެރޭ ކުޅުނީ އެރިކްސަންގެ ހާލު ރަނގަޅުވަމުން އަންނަ ކަމުގެ ޔަގީންކަން ލިބުމުންނެވެ.

އެމެޗުގައި އެރިކްސަން ވެއްޓުމާ އެކު، އޭނާގެ ނުތަނަވަސް މަންޒަރުތައް އެންމެންނަށް ނުދައްކަން ވަށައިގެން ކުޅުންތެރިން ފާރެއްގެ ގޮތަށް އެތުރުނެވެ. އަދި ދަނޑުން ބޭލީ ޑެންމާކުގެ ބޮޑު ދިދައެއް ވަށާލައިގެންނެވެ. އެ މަންޒަރުތައް އަލުން ސިފަވި ކަހަލަ ހާދިސާއެއް ރޭ ހަންގޭރީ އާއި ސްކޮޓްލޭންޑް ވާދަކުރި މެޗުގައި ހިނގައި ދިޔައެވެ.

އެ މެޗުގެ ފަހު ސިކުންތުގައި ގޯލު ޖަހައި، ހަންގޭރީން ސްކޮޓްލޭންޑް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ 68 ވަނަ މިނެޓުގައި ހަންގޭރީގެ ބާނަބާސް ވާގާއަށް ވަނީ ސީރިއަސް އަނިޔާއެއް ވެފައެވެ.

ހަންގޭރީގެ ކެޕްޓަން ޑޮމިނިކް ސޮބޮސްލާއީ ނަގައިދިން ހިލޭ ޖެހުމަށް މަސައްކަތް ކުރުމުގެ ތެރޭގައި ސްކޮޓްލޭންޑްގެ ކީޕަރު އަންގުސް ގުން ގައިގައި ޖެހި ވާގާއަށް އަނިޔާވެ. އޭނާ ދަނޑު މައްޗަށް ވެއްޓުނީ ހަބަރު ހުސްވެގެންނެވެ. އެ މަންޒަރާ އެކު ރެފްރީގެ އެންގުމަށް އޭނާއަށް ވަނީ އެމަޖެންސީގައި ފަރުވާ ދީފައެވެ. ގިނަ އިރުތަކެއް ވަންދެން ފަރުވާ ދިނުމަށްފަހު، ވާގާ އަށިގަނޑުގައި ބޭލީ ވަށައިގެން ފޮތި ދަމައިގެންނެވެ. އެއީ ފައުލެއްތޯ ބަލަން ވީއޭއާރް އިން ޗެކު ކުރި ނަމަވެސް، ރެފްރީ ނިންމީ ފައުލެއް ނޫން ކަމަށެވެ. އެހެންވެ ޕެނަލްޓީއެއް ނުދެއެވެ.

ވާގާ ވެއްޓިގެން ދަނޑުގައި ތިބި އަވަސް ފަރުވާ ދޭ މެޑިކަލް ޓީމުން ލަސްލަހުން އަރަން ދިޔުމުން ސޮބޮސްލާއީ ވަނީ އެޓީމަށް އަވަސްކޮށް، އަރަން އިރުޝާދު ދީފައެވެ. އެވަގުތު ކޮޅުގައި ހަންގޭރީ ކުޅުންތެރިންގެ މާޔޫސްކަން ވަރަށް ބޮޑަށް ފެނުނެވެ. ވާގާ ދަނޑުން ބާލަން ފެށުމުގެ ދެ ޓީމުގެ ސަޕޯޓަރުންވެސް އެކުވެ އަތް ޖަހާފައިވެއެވެ. އިހުތިރާމްގެ ވަގުތު ކޮޅެކެވެ.

ރޭގެ މެޗުގައި ހަންގޭރީގެ ހަމައެކަނި ގޯލު ޖެހީ ކެވިން ސޮބޮތު، ގޯލަށްފަހު ވާގާގެ ޖާޒީ ދައްކާލާފައިވާ އިރު، މެޗު ނިންމައި އެޓީމުގެ ކުޅުންތެރިން މޮޅު ހާއްސަ ކުރީވެސް ވާގާ އަށެވެ.

ރޭގެ މެޗަށްފަހު ހަންގޭރީގެ ކޯޗު، މާކޯ ރޮސީ ބުނީ "ވާގާ މިހާރު އޯކޭ،" ކަމަށެވެ. އެހެން ނަމަވެސް ވާގާގެ މޫނުގެ ކަށިގަނޑެއް ބިންދައިގެން ދިޔަ ކަމަށާއި އޭގެ ސަބަބުން ސާޖަރީއެއް ހަދަން ޖެހިފައިވާ ކަމަށްވެސް ރޮސީ ބުންޏެވެ. ބެލެވޭ ގޮތުގައި ދެން ވާގާއަށް މުބާރާތުގައި ނުކުޅެވޭނެއެވެ.

ރޮސީ ބުނީ ފުރަތަމަ، އެ އަނިޔާ ނުރައްކާކޮށް ފެނުނު ނަމަވެސް، ނަސީބަކުން ފުރާނައަށް ނުރައްކާވާފަދަ އަނިޔާއަކަށް އެ އަނިޔާ ނުވި ކަމަށެވެ. ވާގާއަށް މިވަގުތު ފަރުވާދެމުން ދަނީ ސްޓަޓްގާޓް ހޮސްޕިޓަލުގައެވެ. އޭނާގެ އެންމެފަހުގެ މައުލޫމާތު ސަޕޯޓަރުންނާ ހިއްސާ ކުރާނެ ކަމަށް ހަންގޭރީ އެފްއޭއިން ބުނެފައިވެއެވެ.

އުމުރުން 29 އަހަރުގެ ވާގާގެ އަނިޔާގެ ސަބަބުން މެޗު، ހަތް މިނެޓަށް މެދުކަނޑާލަން ޖެހިފައިވެއެވެ. އެ އަނިޔާއިން އެރިކްސަންގެ ހަނދާން އާވެގެން ދިޔަ ނަމަވެސް، ނަސީބު ކަންދިމާ ކުރި ގޮތުން އެފަދަ ނުރައްކާތެރި އަނިޔާއަކަށް އަނިޔާ ނުވިއެވެ.