ގޯލްޑަން ފުޓްސަލް ޗެލެންޖް

އެންމެން އިންތިޒާރުގައި: ގޯލްޑަންގެ ތަށްޓާއެކު ރާއްޖޭގެ ފުޓްސަލް ރަސްކަމަށް އަންނާނީ ކޮން ރަށެއް؟

މުޙައްމަދު ޝަމްޢޫން

މުޅި ރާއްޖެ އިންތިޒާރު ކުރަމުން އަންނަ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ފައިނަލް މިރޭ އޮންނާނެއެވެ. 128 ޓީމާއެކު ފެށި މުބާރާތުގެ ގަދަ ދެ ޓީމު މިރޭ ނުކުންނާނީ ރާއްޖޭގެ ފުޓްސަލްގެ ތާރީހު ލިޔެލުމަށެވެ. ޔަގީނުންވެސް އާ ޗެމްޕިއަނެއް މިރޭ ކަނޑައެޅޭނެ އެވެ. ފައިނަލަށް ނުކުންނަ ހދ. ނައިވާދޫއާއި ކ. ކާށިދުއަކީވެސް މީގެ ކުރިން ގޯލްޑަންގެ ފައިނަލުގައި ކުޅެފައި ނުވާ ދެޓީމެވެ. ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް ފައިނަލުގައި ކުޅުމުގެ ފަހުރާއެކު، ދެޓީމުންވެސް ބޭނުންވަނީ ބެޖު މަތީގައި ތަރި ޖަހާލުމަށްކަން ޔަގީނެވެ. ރަށުގެ ރައްޔިތުންނާއި މުޅި އަތޮޅުވެސް އެދެނީ އެކަމަށެވެ.

މިދިޔަ ދޮޅު މަހެއްހައި ދުވަހު، މުޅި ރާއްޖޭގެ ކުޅިވަރުގައި އެންމެ ގަދަޔަށް ދެކެވުނު ވާހަކައަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ވާހަކައެވެ. ރާއްޖޭގައި ހިނގަމުން ދިޔަ އެންމެ ބޮޑު ކަމަކީ ގޯލްޑަން އެވެ. މުޅި ރާއްޖެ ދިޔައީ މެޗުތައް ބޮޑު ސްކްރީންތަކުގައި އަޅުވައިގެން ބަލަމުންނެވެ. ރަށްރަށުގެ ކެފޭތަކުގައިވެސް އިންތިހާއަށް ފޯރިގަދައެވެ. އިޖުތިމާއީ މަރުކަޒުތަކުގައިވެސް ދިޔައީ އަޑު ގުގުމަމުންނެވެ. ވަކި އުމުރެއް ނެތި، ރަށްރަށުގެ އުފާފާޅުކުރުންތައް ފަޅުފިލުވައިލަދިންވެސް މެއެވެ. އަތޮޅު ތަށީގެ ހައިބަތުވެސް މިފަހަރު އާދަޔާހިލާފަށް ބޮޑުވިއެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން، މިދިޔަ ސެމީ ފައިނަލް މެޗުތަކާ ހަމައަށް ވަރުބަލިކަމެއް ނެތި، ރަށްރަށުގެ ރައްޔިތުން ދިޔައީ ތަފާތު ފޯރިއެއް ނަގަމުންނެވެ. ފެނުނީ އެއްބައިވަންތަކަމުގެ ނަމޫނާއެކެވެ.

އާދަޔާހިލާފު އެތައް މަންޒަރަކާއި ޖަޒުބާތީ އެތައް މަންޒަރުތަކެއްގެ ތެރެއިން ގޮސް، މުޅި ރާއްޖެ އިންތިޒާރުކުރާ ފައިނަލަކަށް މިރޭގެ ފައިނަލް ވެއްޖެއެވެ. ކާށިދޫއާއި ނައިވާދޫ މިރޭގެ ފައިނަލަށް ނުކުންނަނީ ހައިރާންކުރުވަނިވި ނަތީޖާތަކަކާއެކުގައެވެ. ތަފާތުތަކެއް ދައްކައި، ރާއްޖޭގެ ފުޓްސަލްއަށް ބޮޑެތި މެސެޖުތަކެއްވެސް ދީފައެވެ. މުޅި ރާއްޖޭގައިވެސް މިހާތަނަށް ބޭއްވުނު އެންމެ ބޮޑު، އެންމެ ގިނަ ބަޔަކު ޝާމިލުވި ކުޅިވަރު އިވެންޓަށް މިރޭ ނިމުން އަންނަ ނަމަވެސް، ބާކީ އޮތް ފައިނަލް މެޗުގެ ޝައުގުވެރިކަން ވަކި ކުޑަ ނުވާނެކަންވެސް ޔަގީނެވެ.

ދެޓީމުން ނޮކްއައުޓް ބުރުގައި ނެރުނު ނަތީޖާތައް

ނޮކްއައުޓް ބުރުގައި ނައިވާދޫގެ ނަތީޖާތައް

ގަދަ 16 : ހދ. ނައިވާދޫ 7-0 މައްޗަންގޯޅި
ކުއާޓާ ފައިނަލް: ހދ. ނައިވާދޫ 7-4 އދ. މަހިބަދޫ
ސެމީ ފައިނަލް: ހދ. ނައިވާދޫ 3-1 ލ. ގަން

ނޮކްއައުޓް ބުރުގައި ކާށިދޫގެ ނަތީޖާތައް

ގަދަ 16 : ކ. ކާށިދޫ 6-5 ތ. ތިމަރަފުށި (ޕެނަލްޓީއަށް ދިޔައީ 2-2 އެއްވަރު ވެގެން)
ކުއާޓާ ފައިނަލް: ކ. ކާށިދޫ 3-2 ވިލިމާލެ
ސެމީ ފައިނަލް: ކ. ކާށިދޫ 4-2 ގދ. ވާދޫ

ކޯޗުންގެ ބަސް

އަލީ ހައިސަމް (ޗުމްޕު) - ކާށިދޫ ކޯޗު

"މިހާރު ޓާގެޓަކީ ތަށި. ޓީމު ތެރޭގައި ކުރާ މަސައްކަތުގެ އިތުރަށް ޓީމް ވޯކް މި ފެންނަނީ. އެންމެން އެއްކޮށް މަސައްކަތް ކޮށްގެން ކުރާ މަސައްކަތް މި ފެންނަނީ. މި ފެންނަނީ ވަކި ކުޅުންތެރިއެއްގެ މަސައްކަތެއް ނޫން. ކުޅުންތެރީންނަށް އަބަދުވެސް ބުނެދޭ އެއްޗަކީ، މޮޅުވިޔަސް، ބަލިވިޔަސް މަސައްކަތް ކުރާށޭ. މަސައްކަތު ރޭޓް ވައްޓާނުލައްޗޭ މެޗުގެ އެއްވެސް ވަގުތެއްގައި. އެއީ ބަލިވެފަ އޮތަސް، މޮޅުވެފަ އޮތަސް. އެހެން މި ވިސްނައިދިނީ. ކުޅުންތެރިންނަށް ވަރަށް ބޮޑަށް އިތުބާރު އެބައޮތް. ފައިނަލަކީ މިދިޔަ ހުރިހާ މެޗަކާވެސް ތަފާތު ވާނެ މެޗެއް. އެހެންވީމަ އެކަމަށް ވިސްނައިގެން ވަރަށް ރަނގަޅަށް ތައްޔާރު ވެގެން ނުކުންނާނީ،"

މުހައްމަދު އައްޒާމް - ނައިވާދޫ ކޯޗު

"ފުރަތަމަ ކަމަކަށް ބިރު ނުގަންނާށޭ ބުނިން. ބިރު ގަނެގެން މިކަމެއް ނުވާނެއޭ ބުނިން. ދެން މިބުނެދެނީ މީގަ އޮންނާނީ މަސައްކަތް ކުރުން ކަމަށް. އަބަދުވެސް ކޮންމެ މެޗެއްގައި ވެސް ދެކޮޅަށް ވެސް އެއްޗެހި ދާނެ. ދެކޮޅަށް ވެސް ގޯލު ޖަހަން ފުރުސަތު ލިބޭނެ. ދެން ސްކޯ ކުރުން އޮންނާނީ. ފުރަތަމަ ގޯލެއް ޖެހިއްޖެއްޔާ އިރާދަކުރެއްވިއްޔާ އަހަރެމެން މޮޅުވާނެ ކަމަުގެ ބޮޑު ޔަގީންކަމެއް އޮވޭ. ފައިނަލަށް ނުކުންނާނީ ސެމީ މެޗުގެ ޕޮޒިޓިވްއާ ނެގެޓިވްވެސް ހިފައިގެން. ރަނގަޅު ކުރަން ހުރި ކަންކަން ރަނގަޅުކޮށްގެން، މިހާރަށްވުރެސް ރަނގަޅަށް ވިސްނައި، ތައްޔާރުވެގެން ނުކުންނާނީ،"

މިއަހަރުގެ މުބާރާތުގައި މިހާތަނަށް ކާށިދޫއަށް އަދި ތަށްޓެއް ނުލިބެއެވެ. އަތޮޅު ތަށި މާފުށި ކައިރިން ގެއްލުނު އިރު، ޒޯން ފައިނަލުގައި އޭދަފުށި ކައިރިން ބަލިވީ ޕެނަލްޓީގައެވެ. އެ ތަށިތައް ގެއްލުނު ނަމަވެސް، ކާށިދޫއަށް ހާސްކަމެއް ނެތްކަން މިހާތަނަށް ނެރުނު ނަތީޖާތަކުން ސާފެވެ. މިރޭގެ ފައިނަލަށް ނުކުންނަ އިރު، އެޓީމުގެ ކުޅުންތެރީން ސިކުނޑީގައި އެ ހަނދާންތައް ނުވެސް ހުންނާނެއެވެ. އެއީ މިރޭ ކާށިދޫން ނުކުންނަ ފައިނަލުގެ ޝަރަފުވެރިކަން މާ ބޮޑުވުމުންނެވެ. ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް، އެ ޓީމަކީ މިވަގުތު ރާއްޖޭގެ ފުޓްސަލް ތާރީހުން މުހިއްމު ޖާގައެއް ހޯދާފައިވާ ޓީމަކަށްވެސް ވާތީއެވެ.

އަނެއްކޮޅުން ނައިވާދޫ މުޅީން އަލަށް ފައިނަލަށް ނުކުންނަނީ އެޓީމުގެ އަތޮޅު ކާމިޔާބީ ދަމަހައްޓައި ޒޯން ތަށިވެސް ހޯދާފައި އޮވެގެންނެވެ. ނައިވާދޫން މިހާތަނަށް ހަތް ފަހަރު އަތޮޅު ތަށި ހޯދިއިރު، ތިން ފަހަރު ޒޯން ތަށިވެސް ހޯދައިފައިވެއެވެ. އެޓީމަށްވެސް ނުކުރެވި އޮތް ކަމަކީ މުބާރާތް ނެގުމެވެ. އެކަމަށް ކުރެވެން އޮތް މަސައްކަތެއް މިރޭ ކުރާނެކަން ޔަގީނެވެ. މުޅި ރަށް އޮތީ އެކަމަށް ގޮސް ހުސްވެފައެވެ.

މިއީ ތާރީހުގައިވެސް ފެނިގެން ދިޔަ އެންމެ ވާދަވެރި، އެންމެ ފޯރިގަދަ، އަދި އެންމެ ގިނަ ބަޔަކު ބެލި ގޯލްޑަން ފުޓްސަލް ޗެލެންޖެވެ. ތަފާތު ނަތީޖާތައްވެސް އިންތިހާއަށް ގިނަ، މިފަހަރުގެ މުބާރާތުގެ ފައިނަލަށް ނުކުންނަނީވެސް މުޅިން އާ އަދި ހީވެސް ނުކުރާނެ ދެޓީމެވެ.

މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކާމިޔާބު އަށް މުބާރާތެއްގައި ހަ ޗެމްޕިއަނުން ފެނިފައިވެއެވެ. އެއީ ތިންފަހަރު މުބާރާތުގެ ތަށި ނެގި ތ. ތިމަރަފުއްޓާއި، ބ. ހިތާދޫގެ އިތުރުން މާލޭގެ މާފަންނާއި ހެންވޭރުގެ އިތުރުން ލ. ގަން އަދި ބ. އޭދަފުއްޓެވެ. އެ ތާރީހީ ލިސްޓަށް މިރޭ އާ ޓީމެއް އިތުރުވެގެންދާނެއެވެ. އާ ޗެމްޕިއަނެއްގެ ނަން ތަށީގައި ލިޔެވިގެންދާނެއެވެ. އާ "ކިންގް"އެއް ހޮވިގެންދާނެއެވެ. ފުޓްސަލްގެ އާ ރަސްގެފާނެއް މިރޭ ކަނޑައެޅޭނެއެވެ.

ފައިނަލް މެޗު އޮންނާނީ މިރޭ 8:00 ގައި، ހުޅުމާލޭ ރެހެންދި ދަނޑުގައެވެ. މިއަހަރު މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.