ޚަބަރު

މިސްކިތްތަކުން ވައްކަން ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން ސިޓީ ކައުންސިލުން ގޮވާލައިފި

ފާތިމަތު ލިޔުޝާ

މިސްކިތްތަކުން ވައްކަން ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން މާލެ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން އިއްޔެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ‏މާލޭގައި ހުންނަ ޖަމީލްދީދީ މިސްކިތުގެ ތަޅުގައި އަލިފާން ރޯކުރަން މަސައްކަތް ކޮށްފައި ހުރި ކަމަށެވެ.

"މިސްކިތްތަކުން ވައްކަންކޮށް ތަކެއްޗަށް ގެއްލުންދީ މިސްކިތުގެ ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ،" މާލޭ ސިޓީ ކައުންސިލުން ބުންޏެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ޖަމީލްދީދީ މިސްކިތުގެ ތަޅުގައި އަލިފާން ރޯކުރަން މަސައްކަތް ކޮށްފައި ހުރި ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ނުވާ ކަމަށާއި ނަމަވެސް ސޯޝަލް މީޑިއާއިން އެކަން ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.

މާލޭގެ މިސްކިތްތަކުން ވައްކަން ކޮށްގެން މި އަހަރުގެ ޖޫން 21 ވަނަ ދުވަހާ ހަމައަށް 21 މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވެއެވެ.

މިސްކިތްތަކުން ވައްކަންކޮށްފައި ހުރި މައްސަލަތަކުގެ ތެރޭގައި ދަރުމަވަންތަ މިސްކިތުގެ ފެން މޯޓަރު މި އަހަރުގެ މާޗް 31 ވަގަށް ނަގާފައިވުމާއި އެ މިސްކިތުގެ ފާރުގައި ހަރުކޮށްފައި ހުރި ދެ ފަންކާ ވަގަށް ނެގުމާއި މާލޭ އީދު މިސްކިތުން ދިހަ ފަންކާ ވަގަށް ނަގާފައިވެއެވެ.

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ސީސީޓީވީ ކެމަރާ ހަރުކޮށްފައި ހުންނަ އިރު ވެސް މިސްކިތްތަކުން ވައްކަން ކުރާ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.