ފައިސާ ޗާޕުކުރުން މަނާކޮށް، އެއްވެސް ވަރަކަށް ފައިސާ ޗާޕުނުކޮށް، ދައުލަތަށް އާމްދަނީ ހޯދައިގެން އެކިއެކި ފަރާތްތަކަށް 13 ބިލިއަން ރުފިޔާ ދައްކައިފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އިގުތިސޯދީ އެޖެންޑާ ހާސިލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށެވެ. އަދި އެ މަސައްކަތްކުގެ ހެޔޮ ނަތީޖާ ވެސް ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ފައިސާ ޗާޕުކުރުން ހުއްޓާލީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޯމަތިވެފައިވަނިކޮށް ކަމަށާއި އެފަދަ ދުވަސްވަރެއްގައި ފައިސާޗާޕުކުރުން ހުއްޓާލާނެ ކަމަށް އެއްވެސް ބަޔަކު ގަބޫލުނުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ފާއިތުވި ހަތް މަސް ދުވަހުގެ ތެރޭގައި އެކިއެކި ކުންފުނިތަކަށް ހަތަރު ބިލިއަން ރުފިޔާ، ސަރުކާރުގެ އެކި ކުންފުނިތަކަށް ހަތް ބިލިއަން ރުފިޔާގެ އިތުރުން ބޭރު ގައުމުތަކުން ނަގާފައިވާ ލޯނުތަކަށް 2.7 ބިލިއަން ރުފިޔާ ދައްކައިފައިވާ ކަމަށެވެ. އެއީ ފައިސާ ޗާޕުނުކޮށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ފައިސާ ޗާޕުކުރުން ހުއްޓާލައި، ބޮޑެތި އިންޓްރަސްޓް ރޭޓްގެ ލޯންތައް ނުނަގައި އަޅުގަނޑުމެން ހަތަރު ބިލިއަން ރުފިޔާ އެކި ކުންފުނިތަކަށް ދައްކައިފިން، ސަރުކާރުގެ އެކި އެކި ކުންފުނިތަކަށް 7 ބިލިއަން ރުފިޔާ އަދި ބޭރުގެ ދަރަނީގެ 2.7 ބިލިއަން ރުފިޔާގެ ލޯނު ބޭރުގެ ގައުމުތަކަށް ވެސް ދައްކައިފިން. ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ މި ހަތް މަސް ތެރޭގައި އަޅުގަނޑުމެން މިވަނީ ދައްކާފައި އެއީ އަޅުގަނޑުމެންނާއި ވާދަވެރި ބޭފުޅުން ފޮރުވަން ބޭނުންވާ ހަގީގަތް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ފޫބައްދަން ފައިސާ ޗާޕު ކުރުމަކީ ފައިދާ ހުރި ކަމެއް ނޫން ކަމަށާއި އެއީ އިހުލާސްތެރި މަސައްކަތްތަކެއް ވެސް ނޫން ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރުން ވަނީ ބޮޑެތި ތަކުލީފުތައް ނަގަންޖެހޭ ގޮތަށް ލޯނު ނެގުން ވެސް ހުއްޓާލާފައި ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު ސޮވެރިން ޑިވެލޮމްޕެންޓް ފަންޑް (އެސްޑީއެފް)ގައި ހުރީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް ސަރުކާރަށް މިވީ ހަތް މަސް ދުވަހުގެ ތެރޭގައި އެ ފަންޑަށް 54 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އިދިކޮޅު ޕާޓީތަކުން މަސައްކަތް ކުރަމުންދަނީ ސަރުކާރާއި އެ މަނިކުފާނާ ގުޅޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ފަތުރައި، ސަރުކާރުން ހޯދަމުންދާ އިގުތިސޯދީ ކާމިޔާބީތައް ރައްޔިތުންނަށް ފޮރުވަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވި ގޮތަށް އިގުތިސޯދީ އެޖެންޑާ ފުރިހަމަކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.