ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީީ)ގެ މައި ޖަގަހަ "ހައުސް އޮފް ޕީއެންސީ" ރައީސް ޑރ. މުހައްމަދު މުއިއްޒު، މިރޭ ހުޅުވައިދެއްވައިފިއެވެ.
ރައީސް މުއިއްޒަކީ، ޕީއެންސީގެ ވެސް ރައީސްއެވެ. އަދި އެ މަނިކުފާނަކީ ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ހަވާލުވެވަޑައިގެންހުންނެވި އެ ކޯލިޝަންގެ ލީޑަރެވެ،
ޕީއެންސީގެ މައި ޖަހަގަ ހުންނަނީ އާޓިފިޝަލް ބީޗު ކުރިމަތީގައި މީގެ ކުރިން ދަ ޑިމޮކްރެޓްސް އަދި އެމްޑީޕީގެ ޖަގަހަ ހުރި ތަނުގައެވެ.
ޕީއެންސީގެ މައި ޖަގަހަ ހުޅުވުމަށް މިރޭ ވަނީ އެ ސަރަހައްދުގައި އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. އެ ރަސްމިއްޔާތުގައި ޕީއެންސީގެ ޗެއާޕާސަން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުން އަދި ބައެއް ކެބިނެޓް މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން އެ ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ޕީއެންސީ ސަޕޯޓަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޕީއެންސީ ޖަގަހަ ހުޅުވަން މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީއާ އަލަށް ގުޅުނު ބައެއް މީހުންގެ ފޯމްތައް ވަނީ ރައީސާ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ވެޔޮވިލާގެ ވެރިޔާ ޝަފިއްޔާ ޒުބައިރު ވެސް ހިމެނެއެވެ. އޭނާއަކީ ކުރިން އެމްޑީޕީގެ މެންބަރެކެވެ. އަދި އޭނާ ފަހުން މަސައްކަތް ކުރީ ޑިމޮކްރެޓްސްގައެވެ.