ޚަބަރު

ފުލުހެއްގެ ގައިގައި ކާރުން ޖެއްސި ކަމަށް ތުހުމަތުވާ މީހާގެ ބަންދަށް 10 ދުވަސް

މުހައްމަދު އިޝާން

ހުޅުމާލޭގައި ހިންގި މާރާމާރީއަކާ ގުޅިގެން ސީނަށް ދިޔަ ފުލުހެއްގެ ގައިގައި ކާރަކުން ޖެއްސުމަށް ފަހު ފިލި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.

ފުލުހުންބުނީ، ހޮނިހިރު ދުވަހުގެ ރޭ ފަތިހު، ހުޅުމާލޭ ފިލިގަސް މަގުގައި މާރާމާރީއެއް ހިންގާ ކަމަށް ފުލުހުންނަށް ރިޕޯޓް ކުރުމުން އެ ސަރަހައްދަށް ފުލުހުން ދިއުމުން، މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރައި ފިލަން އުޅުނު ތަން ފުލުހަކަށް ފެނިގެން އެ ކާރު ހުއްޓުވަން މަސައްކަތް ކުރަން އުޅުމުން ފުލުސް މީހާގެ ގައިގައި ކާރުން ޖައްސައި ކާރުގައި ތިބި މީހުން ފިލާފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެކަކު ވަނީ މިދިޔަ ހަފުތާގައި ހައްޔަރުކޮށްފައެވެ. އެ މީހާގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.

އެ މައްސަލައިގައި ހޯދަމުން ދިޔަ މީހާ އިއްޔެ ހަވީރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ އެއީ 22 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.