ފަތުރުވެރިކަން ކުރިއެރުވުމަށް ބޭނުންވާ ހިޔާލާއި ލަފާ ހޯއްދެވުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ލ. އަތޮޅަށް ރަސްމީ ދަތުރެއް ފައްޓަވައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިނިސްޓަރު އަލީ ވަހީދު މިމަހުގެ 9 އަކުން 11 އަށް ކުރައްވާ މިދަތުރުގައި ލ. އަތޮޅު ގަމާއި ފޮނަދުއާއި ކައްދުއާއި ބަރެސްދޫއަށް ޒިޔާރަތް ކުރައްވައި، ފަތުރުވެރިކަމުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި ބޭނުންވާ ހިޔާލާއި ލަފާ ހޯއްދަވާނެކަމަށެވެ. އެގޮތުން ލ. އަތޮޅުކައުންސިލާއި ގަމު ކައުންސިލާއި ފޮނަދޫ ކައުންސިލުގެ އިތުރުން ދާއިރާގެ މަސްލަހަތުވެރިންނާ ބައްދަލުކުރައްވާނެކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.
މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ބެލުމަށާއި، އެރަށްތަކުގައި ގެސްޓްތްހައުސް ވިޔަފާރި ފުޅާކުރުމުގެ ގޮތުން ރަށު ކައުންސިލްތަކާއި ސިޓީކައުންސިލްތަކާއި ވިޔަފާރީގެ އެންމެހައި މަސްލަހަތުވެރިންނާ ބައްދަލުކުރެއްވުމަށް ޓޫރިޒަމް މިނިސްޓްރީން ގެންދަނީ ސިލްސިލާ ދަތުރުތަކެއް ކުރަމުންނެވެ.