އިބްރާހިމް ޒަކީ
ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ، އޮޑިޓް ރިޕޯޓް ހުށަހެޅުމުގެ މުއްދަތު މިއަދުގެ ނިޔަލަށް ހަމަވެފައިވާއިރު، ވެރިކަން ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް އޮޑިޓް ރިޕޯޓް ހުށަހަޅައިފައެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަދި އެ ކޮމިޝަންގެ މެންބަރު އަހުމަދު އަކުރަން "ވަން އޮންލައިން" އަށް ވިދާޅުވީ، މުއްދަތު ހަމަވިއިރު އޮޑިޓް ރިޕޯޓް ހުށަހަޅަންޖެހޭ ދެ ޕާޓީއަކުން ރިޕޯޓް ހުށަހަޅާފައިނުވާ ކަމަށާއި އެއީ އަދާލަތު ޕާޓީ އާއި ޑީއާރުޕީ ކަމަށެވެ. އަދި ގާނޫނުގައި ބުނެފައިވާގޮތުގެ މަތިން އެ ޕާޓީތަކާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް އަކުރަމް ވިދާޅުވިއެވެ.
އަކުރަމް ވިދާޅުވީ، ދައުލަތުން ޕާޓީތަކަށް ދޫކުރަންޖެހޭ ފައިސާ ދޫކުރުމަށް އެ ކޮމިޝަނުން އަންގާނީވެސް ރިޕޯޓް ހުށަހެޅުމުން ކަމަށެވެ. އޭނާ ވިދާޅުވީ، މުއްދަތު ހަމަވިއިރު ހަތަރު ޕާޓީއަކުން އިލެކްޝަނަށް އޮޑިޓް ރިޕޯޓް ހުށަހަޅާފައިވާ ކަމަށެވެ. އެއީ އިދިކޮޅު ޕީޕީއެމްގެ އިތުރުން އެމްޑީޕީއާއި ޖޭޕީ އާއި އެމްޑީއޭއެވެ.
އިލެކްޝަންސް ކޮމިޝަނުންގެ ދަފްތަރުގައި މިހާރު ނުވަ ޕާޓީއެއް ވަނީ ރަޖިސްޓްރީ ކޮށްފައެވެ. ނަމަވެސް އުފެއްދިތާ އަހަރު ދުވަސް ވެފައިނުވާތީ، އޭގެ ތެރެއިން ތިން ޕާޓީއަކުން އޮޑިޓް ރިޕޯޓް ހުށަހަޅަން ޖެހޭނީ އަންނަ އަހަރުން ފެށިގެންނެވެ. އެއީ މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އާއި މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)އެވެ.