ވޯޓު ގުނުމުގެ މަސައްކަތްތައް ކުރިއަށްދާ އިރު، ބައެއް ފޮށިތަކުގެ ނަތީޖާ ދަނީ އިއުލާން ކުރަމުން
މަޖިލިސް އިންތިހާބުގައި ވޯޓު ލެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވި ގޮތުގައި ވެރިކަން ކުރަމުންދާ ޕާޓީތަކަށް އިންތިހާބުތަކުގައި ވެސް އަބަދުވެސް އެޑްވާންޓޭންޖުތަކެއް ހުންނާނެ ކަމަށް. އެގޮތުން އިންތިހާބާ ދިމާކޮށް ވަޒީފާ އުފެއްދުމާއި މަޝްރޫއުތައް ފެށެން ހުންނާނެ ކަމަށް. އެހެންކަމުން ވެރިކަން ކުރަމުންދާ ޕީއެންސީއަށް އެކަށީގެންވާ ގިނަ އަދަދެއްގެ ގޮނޑި ލިބޭނެ ކަމަށް ޔާމީން ވިދާޅުވި
ހައި ކޯޓުން ދެންމެ ބުނީ މަޖިލިސް އިންތިހާބާ ގުޅޭ ޝަކުވާގެ އެއްވެސް މައްސަލައެއް އަދި އެ ކޯޓަށް ހުށަހަޅާފައިނުވާ ކަމަށް
ވޯޓު ލުމުގެ ވަގުތު ހަމަވުމުން ކިޔުތައް ވަނީ ބަންދުކޮށްފައި. އަދި ކިޔު ނެތް ވޯޓު ފޮށިތައް ވެސް ދަނީ ބަންދު ކުރަމުން
ވޯޓުލުން 10 މިނެޓަށް ވެފައިވާއިރު، މާލޭ އާއި ރާއްޖެ ތެރޭގެ ގިނަ ރަށްތަކުން ވަނީ ވަރަށް ގިނަ ބަޔަކު ވަނީ ވޯޓުލާން ނުކުމެފައި. ވޯޓު ލުން ބަންދު ވާނީ 5:30ގައި. އީސީން ވަނީ ވޯޓުލާ ވަގުތު އިތުރު ނުކުރާނެ ކަމަށް ބުނެފައި
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި 4:00 އާ ހަމަޔަށް 63.73 ޕަސެންޓް މީހުން ވަނީ ވޯޓު ލާފައި. މިއީ ވޯޓް ލުމުގެ ހައްގު ލިބިގެންވާ 284،663 މީހުންގެ ތެރެއިން 181،406 މީހުން. ވޯޓުން ދިން މީހުންގެ ތެރޭގައި ހިމެނެނީ 88،230 އަންހެނުންނާއި 93،176 ފިރިހެނުން
ފުލުހުން ބުނި ގޮތުގައި ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ސެކިއުރިޓީ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ ތުން މީހަކު ހައްޔަރުކޮށްފައިވޭ. އެއީ ވޯޓް ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން އެކަކު އަދި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީއިން ދެ މީހަކު.
އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ 'ވަން' އަށް މިއަދު ވިދާޅުވި ގޮތުގައި އިންތިހާބުގެ ކަންކަން ކުރިއަށްދަނީ އަމާންކަމާއި އޮމާންކޮށް ކަމަށް. އަދި އިންތިހާބާ ގުޅޭ ބޮޑު މައްސަލައެއް ދިމާނުވި ނަމަވެސް ކުދިކުދި ޝަކުވާތަކެއް ލިބިފައިވާ ކަމަށާއި އެ މައްސަލަތައް ހައްލު ކުރެވިފައިވާ ކަމަށް.
އޭގެ ތެރޭގައި ހިމެނެނީ ބައެއް ކެންޑިޑޭޓުން ވޯޓު ލުމަށްފަހު ނުކުމެ، ވޯޓުލާ މަރުކަޒު ކައިރީގައި ތިބޭ މީހުންނާ ސަލާންކޮށް ވާހަކަދައްކާ މައްސަލަ. އަދި ވޯޓުގައި ފާހަގަ ޖެހުމަށްފަހު ކަރުދާސްކޮޅު ފަތްނުޖަހާ ދައްކައިގެން ވޯޓުލާ ޝަކުވާ ކަމަށް ހަސަން ވިދާޅުވި
އެޗްއާރުސީއެމް ކުރި ޓުވީޓެއްގައި ބުނީ ވޯޓުލާން ފެށުން ލަސްވެފައިވަނީ އޮފިޝަލުން ވާން ޖެހޭ ތައްޔާރީތައް ވުމަށް ލަސްވުމުގެ ސަބަބުން ކަމަށް. އަދި ވޯޓުލާ ބައެއް މަރުކަޒުތަކުގެ ޖާގައިގެ ދަތިކަމުންނާއި އިންތިޒާމް ހަމަޖެހިފައިވާ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ކަަމަށް.
ކުރީގެ ރައީސް އަބުދުﷲ ޔާމީން ދާދި ދެންމެއަކު ވޯޓުލައްވައިފި. އެމަނިކުފާނު ވޯޓް ލެއްވީ އަހުމަދިއްޔާ ސްކޫލްގައި ހުރި ފޮއްޓަކަށް.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި 3:00 އާ ހަމަޔަށް 56.26 ޕަސެންޓް މީހުން ވަނީ ވޯޓު ލާފައި. މިއީ ވޯޓް ލުމުގެ ހައްގު ލިބިގެންވާ 284،663 މީހުންގެ ތެރެއިން 160،158 މީހުން. ވޯޓުން ދިން މީހުންގެ ތެރޭގައި ހިމެނެނީ 77،227 އަންހެނުންނާއި 82،931 ފިރިހެނުން
ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ސެކިއުރިޓީ އޮޕަރޭޝަންގައި މިހާތަނަށް ޖުމުލަ 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި
ފުލުހުން ބުނީ، ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ވޯޓް ކަރުދާސް ދެއްކި މައްސަލައަކާ ގުޅިގެން މާލެއިން ހައްޔަރުކުރި މީހަކާއި ވޯޓުލާ މަރުކަޒުގެ މަސްލަހަތު ނަގާލައި ވޯޓުލުމަށް ހުރަސްއެޅި މައްސަލައަކާ ގުޅިގެން ގދ. ފިޔޯރީން ހައްޔަރުކުރި ދެ މީހެއް ކަމަށް.
އިންތިހާބުގެ ވޯޓުލުން އަމާންކަމާއި އޮމާންކޮށް ކުރިއަށްދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި.
އީސީގެ މެންބަރު ހަސަން ޒަކަރިއްޔާ 'ވަން' މިއަދު ވިދާޅުވީ، އެއްވެސް ދިމާލަކު އިންތިހާބާ ގުޅޭ ބޮޑު މައްސަލައެއް ރިޕޯޓްކޮށްފައި ނުވި ނަމަވެސް ކުދިކުދި ޝަކުވާތަކެއް ލިބިފައިވާ ކަމަށް
މެންދުރު 2:00 އާ ހަމައަށް ވޯޓުލީ 40 ޕަސެންޓް މީހުން. އެއީ 137،404 މީހުން. ވޯޓުލީ މީހުންގެ ތެރޭގައި ހިމެނެނީ 64،508 އަންހެނުންނާއި 72،896 ފިރިހެނުން
މެންދުރު 1:00 އާ ހަމައަށް ވޯޓުލީ 39 ޕަސެންޓް މީހުން. އެގޮތުން މިހާތަނަށް 113،627 މީހުން ވޯޓު ލާފައިވާ އިރު، އެއީ 61،651 ފިރިހެނުން އަދި 51،976 އަންހެނުން
ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވޯޓު ލައްވައިފި. ނައިބު ރައީސް ވޯޓު ލައްވާފައިވަނީ ހެންވޭރު ދަނޑުގައި ހުރި ވޯޓު ފޮއްޓަކަށް.
މެންދުރު 12:00 އާ ހަމައަށް ވޯޓުލީ 32 ޕަސެންޓް މީހުން. އެގޮތުން މިހާތަނަށް 93،223 މީހުން ވޯޓު ލާފައިވާ އިރު، 51،244 ފިރިހެނުން އަދި 41،980 އަންހެނުން ހިމެނޭ
އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވޯޓު ލައްވައިފި. ޝާހިދު ވޯޓު ލެއްވީ މަޖީދިއްޔާ ސްކޫލުގައި ހުރި ވޯޓު ފޮއްޓަކަށް
މިއަދު ހެނދުނު 11:00 އާ ހަމައަށް ވޯޓުލީ 24 ޕަސެންޓް މީހުން. އެގޮތުން މިހާތަނަށް 70،949 މީހުން ވޯޓު ލާފައިވާ އިރު، 41،187 ފިރިހެނުން އަދި 29،762 އަންހެނުން ހިމެނޭ
މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ވޯޓު ލައްވައިފައި.
އެމްޑީޕީގެ ޗެއަޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ރައްޔިތުން މަޖިލީހުގެ އިންތިހާބު 2024 ގައި ވޯޓު ލައްވައިފި
އިލެކްޝަންސް ކޮމިޝަނުން ދެންމެ އާންމުކުރި މައުލޫމާތަށް ބަލާއިރު، މިއަދު ހެނދުނު 10:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ އަދަދަކީ 16 ޕަސެންޓް. އެގޮތުން މިހާތަނަށް 47،296 މީހުން ވޯޓު ލާފައިވާ އިރު، 29،411 ފިރިހެނުން އަދި 17،885 އަންހެނުން ހިމެނޭ
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ވޯޓު ލައްވައިފައި. އެމަނިކުފާނު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ބެހެއްޓިފައިވާ ފުވައްމުލަކު ފޮއްޓަށް
ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވަނީ މީގެ ކުޑަ އިރުކޮޅެއް ކުރިން ވޯޓު ލައްވައިފައި. މައުމޫން ވޯޓު ލައްވާފައިވަނީ އަމީނިއްޔާ ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް
ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވޯޓު ލައްވައިފި. ނަޝީދު ވޯޓު ލެއްވީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ގަލޮޅުގެ ވޯޓު ފޮއްޓަށް
ވޯޓު ލެއްވުމަށް ފަހު ޖަމާލުއްދީން ސްކޫލްގައި ހުންނަވައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސާފު އަގުލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެންނަމުންދާ ކަމަށް. ހާއްސަކޮށް ބޮޑެތި ސިޓީތަކުގެ އަގުލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެންނަމުންދާ ކަމަށް
ސޯލިހު ވެސް ވަނީ ވީ އެންމެ އަވަހަކަށް ވޯޓުލާން ނުކުމެ، ގިނަ ބަޔަލު ވޯޓުލުމުގެ ހައްގު އަދާކުރުމަށް އިލްތިމާސް ކުރައްވައިފައި. އެއީ ގައުމުގެ މަސްލަހަތައްޓަކައި އަދި ގައުމުގެ ކުރިއެރުމަށްޓަކައި ކޮންމެހެން ބޭނުންތެރިކަމެއް ކަމަށް
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓް ލައްވައިފި. އެ މަނިކުފާނު ވޯޓް ލެއްވީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓް ފޮއްޓަކަށް.
އިލެކްޝަންސް ކޮމިޝަނުން ދެންމެ އާންމުކުރި މައުލޫމާތަށް ބަލާއިރު، މިއަދު ހެނދުނު 9:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ އަދަދަކީ އަށް ޕަސެންޓް. އެގޮތުން މިހާތަނަށް 24،703 މީހުން ވޯޓު ލާފައިވާ އިރު، 16،900 ފިރިހެނުން އަދި 7،803 އަންހެނުން ހިމެނޭ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވޯޓު ލައްވައިފި. ފަސްޓް ލޭޑީ ވޯޓު ލެއްވީ އަމީނިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށް
އިލެކްޝަން ކޮމިޝަނުން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގައި ގާއިމުކޮށްފައިވާ ހުރިހާ ވޯޓުލާ މަރުކަޒެއްގައި ވޯޓު ލުން ފެށިފައިވާ ކަމަށް
ވޯޓު ލެއްވުމަށް ފަހު ތާޖުއްދީން ސްކޫލްގައި ހުންނަވައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުރިހާ ރައްޔިތުންވެސް ހަވީރު ވަންދެން މަޑު ނުކޮށް އަވަހަށް ވޯޓު ލުމަށް އިލްތިމާސް ކުރައްވައިފައި.
ރައީސް ވިދާޅުވި ގޮތުގައި ވޯޓު ލުމަކީ ކޮންމެ ރައްޔިތަކަށްވެސް ލިބިފައިވާ ހައްގެ ކަމަށާއި ވޯޓު ލުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ޒިންމާ އެއް ކަމަށް
ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވޯޓު ލައްވައިފި. ރައީސް ވޯޓު ލައްވާފައިވަނީ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް
މިއަދު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓުލުން ރާއްޖޭގެ ހުރިހާ ގިނަ ހިސާބުތަކުގައި ފަށައިފި. ވޯޓުލުން ފަށާފައިވަނީ ހެނދުނު 8:00 ގައި
އީސީން ބުނި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލާ މަރުކަޒުތަކަށް ބޭނުންވާ ހުރިހާ އޮފިޝަލުންނާއި ތަކެތި ހަމައަށް ފޮނުވާފައިވާ ކަމަށާއި ވޯޓު ނެގުން މިއަދު ހެނދުނު 8:00ގައި ހުރިހާ މަރުކަޒެއްގައި ފެށޭ ވަރަށް ވަނީ ތައްޔާރުވެފައި
މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް މީހުން ކިއޫގައި ޖެހެން ފަށައިފި.
މިއަދު ކުރިއަށްދާ މަޖިލިސް އިންތިހާބަކީ މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ އެއް އިންތިހާބެވެ. އަދި މިއީ މިހާތަނަށް މަލްޓި ޕާޓީ ސިސްޓަމް ވުޖޫދުވިފަހުން އެންމެ ގިނަ ޕާޓީތަކުން ވާދަ ކުރާވެސް އިންތިހާބެވެ.
މި ފަހަރުގެ މަޖިލިސް އިންތިހާބުގައި މިހާރުވެސް މަޖިލިސް މެމްބަރުކަން ކުރައްވާ ގިނަ މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި މެދުކެނޑުމެއްނެތި އެންމެ ގިނަ ދުވަހު ހިދުމަތްކުރި މެންބަރުން ކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމާއި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރުގެ އިތުރުން މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހިމެނިވަޑައިގަންނަވައެވެ.
މި ފަހަރުގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާ ހިމެނޭ އިރު، މިފަހަރުގެ މަޖިލީހަށް އަލަށް އިތުރުވާ ހަ ދާއިރާއެއް ހިމެނެއެވެ. އެއީ ހުޅުމާލެ މެދު ދާއިރާ، ހުޅުމާލެ އުތުރު ދާއިރާ، ހިތާދޫ ދާއިރާ (ހިތާދޫ، މާޅޮސް، ދަރަވަންދޫ)، ހުރާ ދާއިރާ (ހުރާ، ހިންމަފުށި، ގުޅީ)، ކޮލަމާފުށި ދާއިރާ (ކޮލަމާފުށި، ދެއްވަދޫ) ފޭދޫ އުތުރު ދާއިރާ (ފޭދޫ، މަރަދޫފޭދޫ) އެވެ.
މި ފަހަރުގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރާ އިރު ޖުމުލަ 602 ވޯޓު ފޮށި ބަހައްޓާނެއެވެ. މާލެ ސަރަހައްދުގައި 241 ފޮށި އަދި ރިސޯޓުތަކުގައި 34 ވޯޓު ފޮށި ބަހައްޓައެވެ. އަދި އިންތިހާބުގައި 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނާ ގޮތުން، އިންތިހާބަށް އެ ކޮމިޝަން އޮތީ ތައްޔާރަށެވެ. ވޯޓު ލުން ފެށޭނީ މިއަދު ހެނދުނު 8:00 ޖަހާއިރެވެ. ވޯޓު ލާ މީހުންގެ ކިއު ބަންދުވާނީ ހަވީރު 5:30 ޖަހާއިރެވެ. ކިއު ބަންދުވާ ގަޑީގައި ކިއުގައި ތިބި އެންމެނަށްވެސް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.