ގެސްޓުހައުސްތަކުން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އަދަދު ދެ ގުނަ އިތުރުވެއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި 860 ގެސްޓުހައުސް އޮޕަރޭޝަންގައި އެބަ އޮތެވެ. އެއީ، 14،400 އަށް ވުރެ ގިނަ ޓޫރިސްޓު އެނދެވެ.
މީރާއިން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުގައި، މިދިޔަ އަހަރު، ގެސްޓުހައުސްތަކުން ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ވަނީ 6.3 މިލިއަން ރުފިޔާ ލިބިފައެވެ. ނަމަވެސް މިދިޔަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ގެސްޓްހައުސްތަކުން ލިބިފައިވަނީ 3.8 މިލިއަން ރުފިޔާއެވެ.
މީގެ ކުރިން ގްރީން ޓެކްސް ނެގުމުގައި ކޮޓަރީގެ އަދަދަކަށް ނުބަލައެވެ. ނަމަވެސް މިދިޔަ އަހަރުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް ހަ އެމެރިކާ ޑޮލަރު ގްރީން ޓެހުކުގެ ގޮތުގައި ނަގައެވެ. އަދި 50 ކޮޓަރި ނުވަތަ އެއަށް ވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް ނަގަނީ ތިން ޑޮލަރެވެ.
ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ރިސޯޓުތަކުންނެވެ. އެގޮތުން މިދިޔަ އަހަރު ތެރޭ ރިސޯޓުތަކުން 58 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވެއެވެ.
ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުއެވެ.