މެންބަރުންނަށް ގެއްލިފައިވާ ހައްގު ހޯދުމަށް ޕީޕީއެމް އިން އަބަދުވެސް މަސައްކަތް ކުރަމުން ދާނެ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސިއްދީގު ވިދާޅުވެއްޖެ އެވެ. ސިއްދީގު މިހެން ވިދާޅުވީ އޭނާ ރޭ ކުރެއްވި ޓުވީޓެއްގަ އެވެ.
ސިއްދީގުގެ ޓުވީޓުގައި ވަނީ، ޕީޕީއެމްގެ ލޮބުވެތި މެންބަރުން ރައީސް ޔާމީން އަށް އިތުބާރުކުރައްވައި ސާބިތުކަންމަތީ ދެމިތިއްބެވުމަށް އެދިވަޑައިގެންފަ އެވެ.
"ރައީސް ޔާމީން ހުންނެވީ ރައްޔިތުންނާ އެކު ސާބިތުވެ." ސިއްދީގު ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިޚާބުގެ ދާއިމީ ނަތީޖާއިން ޕީޕީއެމް ގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބަލިވެވަޑައިގެންފައިވާ އިރު، އެޕާޓީން ބުނަމުން އަންނަނީ އިންތިޚާބުގެ ނަތީޖާ އޮޅުވައިލައިފައިވާ ކަމަށެވެ.
ރިޔާސީ އިންތިޚާބު ބާތިލުކުރުމަށް ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ އިއްޔެ ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނާ ދެކޮޅަށް ނިންމަވައިފަ އެވެ.