ރުމޭނިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ފުރާވަޑައިގެންފި އެވެ.
މިނިސްޓަރ ޝާހިދު ރުމޭނިއާއަށް ފުރާވަޑައިގެންނެވީ ރުމޭނިއާގެ ފޮރިން މިނިސްޓަރު ތިއޮޑޯ މެލެސްކާނޯގެ ދައުވަތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މި ދަތުރުގައި މިނިސްޓަރު ޝާހިދު މެލެސްކާނޯ އާއި ބައްދަލު ކުރެއްވުމަށް ހަމަޖައްސައިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ. އަދި ރުމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރު އަނާ ބަރޗޯލްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށްވެސް ހަމަޖައްސައިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ބުނީ ޝާހިދުގެ މި ދަތުުރުގައި ރުމޭނިއާ ސަރުކާރުގެ އިސް އެހެން ބައެއް ބޭފުޅުންނާ ވެސް ބައްދަލު ކުރައްވައި ދެގައުމުގެ ގުޅުން މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިނިސްޓަރު ޝާހިދުގެ މި ދަތުރުގައި މިނިސްޓަރުގެ އަރިހުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއަރޒް އަހުމަދު ހަލީލު އަދި އެ މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ފާތުމަތު ރަޒާނާ ބައިވެރިވެވަޑައިގަންނަވަ އެވެ.