މިހާރަށްވުރެ ރަނގަޅު އިންވެސްޓްމަންޓުތަކެއް ހިންގިއްޖެ ނަމަ މިހާރު ހައްޖަށް ގެންގޮސްދޭ އަގު ކުޑަކުރެވޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ހަމީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ، ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ބޮޑެތި އިންވެސްޓްތަކެއް ކުރެވިއްޖެ ނަމަ ރަނގަޅު ފައިދާއެއް ހޯދައިގެން ހައްޖު ކޯޕްރޭޝަނުން ހައްޖަށް މީހުންގެންދާ އަގު ދަށް ކުރެވޭނެ ކަމަށެވެ.
އަދި ހައްޖު ކޯޕަރޭޝަން ވުޖޫދަށް ގެންނަން ޖެހުނީވެސް ކަމާ ގުޅުންހުރި އިދާރާތަކުން މީހުން ހައްޖަށް ގެންދިއުމުގައި އިހުމާލުތަކެއް ވެފައި ހުރުމުން ކަމަށާއި ހައްޖު ކޯޕަރޭޝަން އުފެއްދިފަހުން އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިފައިވާ ކަމަށް ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ ހައްޖު ކޯޕަރޭޝަނަށް ހައްޖަށް ދިއުމަށް ނުވަތަ އުމްރާއަށް ދިއުމަށް ފައިސާ ދައްކައިފިނަމަ ކަނޑައަޅައިފައިވާ ދުވަހަށް އެމީހަކަށް ހައްޖަށް ދެވޭނެ ކަމަށެވެ. އެއީ ޝައްކެއްވެސް އޮތް ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
ހަމީދު ވިދާޅުވި ގޮތުގައި ހައްޖުގެ އަޅުކަމުގެ ތެރޭގައި ހޭދަވާ ދުވަސްތަކުގައި ގިނަ ހަރަދުތަކެއް ހިނގާނެ ކަމަށާއި އަދި ބައެއް ފަހަރު ލިބޭ ހިދުމަތުގެ ފެންވަރު ދަށްވުމުގެ މައްސަލަވެސް ދިމާވާ ކަމަށެވެ. އެއްވެސް އަހަރެއްގައި ނަގާ ފައިސާއިން ހަރަދު ސަލާމަތްވެފައި ނުވާކަމަށާއި ހައްޖު މޫސުމާ ދިމާކޮށް ސައޫދީ އަރަބިއްޔާގައި ތަކެއްޗާއި ހިދުމަތުގެ އަގުވެސް ބޮޑުވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާރު އެކޯޕަރޭޝަނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުން އިތުބާރު ނުކުރުން ކަމަށެވެ. އެގޮތުން ހައްޖު ކޯޕްރޭޝަނާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލުކޮށް، އެ ކޯޕަރޭޝަނަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ޔަގީންކަން ލިބިފައިވާ ތަނަކަށް ހަދާނެ ކަމަށް ހަމީދު ވިދާޅުވިއެވެ.
މާޒީގައި ކަން ހިނގާފައިވާ ގޮތަށް މިހާރު ކަންތައްތައް ނުހިނގާނެ ކަމުގެ ޔަގީންކަން ހަމީދު ދެއްވި އެވެ. ހައްޖަށް ގެންދިއުމަށް އެކޯޕަރޭޝަނަށް މިހާރު ދައްކަންޖެހެނީ 69،965 ރުފިޔާއެވެ.