ޚަބަރު

ހުޅުމާލެ ތިންވަނަ ފިޔަވަހި އިތުރަށް ހިއްކަން ފަޅުގައި ހުރި އުޅަނދުތައް ނަގަން އަންގައިފި

ހުޅުމާލެ ފޭސް ތިނަކުން ނުހިއްކާ އޮތް ބައި ހިއްކަން، އެ ސަރަހައްދުގެ ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އަންގައިފިއެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ބިން ހިއްކުމުގެ މަސައްކަތަށް ދަތިވާތީ އާއި ބިން ހިއްކުމުގެ ތެރޭގައި އުޅަނދުތަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމުގެ ގޮތުން އެ ސަރަހައްދުގެ ފަޅުތެރޭގައި ހުރި އުޅަނދުތައް ނެގުމަށް އަންގާ ކަމަށާއި ވަކިން ހާއްސަކޮށް ރަތް ކުލައިން ފާހަގަވާނޭ ގޮތަށް ފަޅުގައި އަޅާފައިވާ ސިލްޓް ސްކްރީންގެ އުތުރުގައިވާ ކަނޑުގެ އުޅަނދުތައް އަންނަ އާދިއްތަ ދުވަހުގެ ކުރިން ނެގުމަށް އަންގާ ކަމަށެވެ.

އެޗްޑީސީން ބުނީ، އެ މުއްދަތުގެ ފަހުން އެ ސަރަހައްދުގައި އުޅަނދުތައް އަޅާފައި ބޭއްވުމަކީ މަނާ ކަމެއް ކަމަށެވެ.

ގާ ހުދުވުމުގެ މައްސަލަ ބޮޑުވުމުން ބިން ހިއްކުމުގެ މަޝްރޫއުތައް ވަގުތީ ގޮތުން ހުއްޓާލަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެންގުމުން ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކުންވެސް އޮތީ މަޑުޖައްސާލައިފައެވެ.

ހުޅުމާލެ ތިނަކުން ހިއްކަން ނިންމާފައިވާ 63 ހެކްޓަރުގެ ބިމުގެ ތެރެއިން 15 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައި ނިންމައިފައެވެ.