އުރީދޫ މޯލްޑިވްސް އިން ދޭ ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް އައިލެންޑްގެ ލަގަބު ލިބުނު ފުރަތަމަ ރަށަކަށް ނ. ލަންދޫ ވެއްޖެއެވެ.
އެކަން ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ ފަރާތުން އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވަނީ ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒަށް ހާއްސަ ފިލައެއް އަރުވައިފައެވެ. އަދި ނިޔާޒު ވަނީ ލަންދޫގެ ރަސްމީ ވެބްސައިޓް www.landhoo.gov.mv ވެސް އިފުތިތާހު ކޮށްދެއްވައިފައެވެ.
އުރީދޫން ބުނީ، ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް އައިލެންޑްގެ ލަގަބު ލަންދޫއަށް ދިނީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަހުގެ މުނާސަބަތުގައި އެ ކުންފުނީގެ ޑިޖިޓަލް މޯލްޑިވްސް، ޕަވާޑް ބައި އޭއައި ކެމްޕެއިންގެ ދަށުން ކަމަށެވެ. ޑިޖިޓަލް އިންކްލޫޝަން އަދި އެމްޕަވާމަންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއެރުވުމަށް އުރީދޫ އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އެ ޕްރޮޖެކްޓްގެ ސަބަބުން އަލިއަޅުވާލެވިފައިވާ ކަމަށްވެސް ބުންޏެވެ.
އުރީދޫން އިތުރަށް ބުނީ، އެ ކުންފުނިން އިސްނަގައިގެން ލަންދޫ ކައުންސިލާ ގުޅިގެން އެ ރަށުގެ އިޖުތިމާއީ އަދި އިގުތިސޯދީ މަންޒަރަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
ސްޓްރެޓެޖިކް ޕާޓްނާޝިޕްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތައް މެދުވެރިކޮށް އުރީދޫ ޑިޖިޓަލް އައިލެންޑް ޕްރޮގްރާމުގެ އަމާޒަކީ ހާއްސަކޮށް ސިއްހީ ދާއިރާ، ތައުލީމީ ދާއިރާ އަދި ވިޔަފާރި ފަދަ ނާޒުކު ދާއިރާތައް ކުރިއެރުވުމާއި ކުރިއެރުމަށް އިތުރު މަގުތަކެއް ފަހިކޮށްދިނުމެވެ.