މަގުމަތީގެ އެކްސިޑެންޓް

ބުރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި ޑިވައިޑާތަކެއް ފުނޑުފުނޑުވެއްޖެ

މަރިޔަމް ޝަހުދާ

ބުރިޖު ހައިވޭގައި އެކްސިޑެންޓެއް ހިނގައި، މަގު ދެބައިކުރާން ހުންނަ ޑިވައިޑާތަކެއް ފުނޑުފުނޑުވެއްޖެ އެވެ.

ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދެއްވި ގޮތުގައި މި ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލަށް މީހަކު ގެންގޮސްފައެއް ނުވެ އެވެ. އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލު ފޯނު ނުނަންގަވާތީ އެ ހޮސްޕިޓަލަށް ގެންދިޔަކަން ނުވަތަ ނޫންކަން ވަނީ ޔަގީން ނުކިރެވިފަ އެވެ.

މިއަދު ހެނދުނު 10:00ހާ އިރު ހިނގި މި އެކްސިޑެންޓުގައި ޑިވައިޑާގައި ޖެހުނީ ހައިވޭގެ ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލު ނުވެގެން ގޮސް ޑިވައިޑާތަކުގައި ޖެހިގެން ކަމަށް ފުލުހުން ދާދި ދެންމެއަކު ބުންޏެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ހައިވޭގެ ހުޅުމާލެއާވީ ކޮޅު ނިމޭ ހިސާބުގަ އެވެ.

"ވަން އޮންލައިން"ގެ ނޫސްވެރީން އެ ސަރަހައްދަށް ދިޔަ އިރު، އެކްސިޑެންޓު ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެ އެވެ. އަދި ޑިވައިޑާގައި ޖެހުނު ވޭން ވެސް އޮތެވެ. އެ ވޭންގެ ކުރީކޮޅުން ބޮޑު ބައެއް ވަނީ ހަލާކުވެފަ އެވެ. އެއީ ހައިވޭގެ ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ވޭނެކެވެ. އަދި ހައިވޭގެ އުތުރުން ދެކުނަށް އައި ޓެކްސީއެއް ވެސް އެ ސަރަހައްދުގައި ހުއްޓާފައި އޮތެވެ. އެ ޓެކްސީގެ ކުރީކޮޅުުގައި ފުލުހުން ބަހައްޓާ ފާޑުގެ ކޯނަކާއި ޑިވައިޑާއިން ނެއްޓިފައި އޮތް ޕްލާސްޓިކްގަނޑެއް އޮތެވެ. ފުލުހުން ބުނީ ވޭނުން ޖެހިފައި ބުރައިގެން ދިޔަ ޕްލާސްޓިކުކޮޅަކުން ޖެހި ޓެކްސީއަށް ވެސް ގެއްލުން ވެފައިވާ ކަމަށެވެ.

މީގެ ކުރީން ހައިވޭގައި ހިނގި ބައެއް އެކްސިޑެންޓުތަކުގައި ވެސް ހައިވޭގެ އެކި ސަރަހައްދުތައް ހަލާކުވެފައިވެ އެވެ. އެއިން އެއްވެސް ތަނެއް ހަދާފައެއް ވެސް ނުވެ އެވެ. ބުރިޖު ހައިވޭގެ މަގު ދެބައިކުރާން ބަހައްޓާފައި ހުންނަ ފެންސް ތަކަކީ މި ފަދަ ހައިވޭއަކަށް އެންމެ އެކަށީގެންވާ އެއްޗެއް ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން ކުރީން ފާޑުވެސް ކިޔާފައިވެ އެވެ.