ރޯދަމަސް

ހަފުތާއަކު ހަތަރުބޯޓުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ކާށިދޫން މާލޭ ބާޒާރަށް ގެންނާނެ: ކައުންސިލް

އިބްރާހިމް ޒަކީ

ރަމަޟާންމަހު ކޮންމެ ހަފްތާއަކު ހަތަރުބޯޓުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ކ. ކާށިދޫން މާލޭގެ ބާޒާރަށް ގެންނާނެ ކަމަށް ކާށިދޫ ކައުންސިލުން ބުނެފިއެވެ.

ކާށިދޫ ކައުންސިލްގެ ނާއިބު ރައީސް ސަހުލާ ޒާހިރު "ވަން އޮންލައިން" އަށް ވިދާޅުވީ، ކާށިދޫއަކީވެސް ދަނޑުވެރިކަމުގެ ބާވަތްތައް ހައްދާ ރަށެއް ކަމަށާއި، ރަމަޟާން މަހު އެ ރަށުގެ ދަނޑުވެރިކަމުގެ ގިނަ ބާވަތްތަކެއް މާލޭގެ ބާޒާރަށް ނެރޭ ކަމަށެވެ.

ސަހުލާ ވިދާޅުވީ ދަނޑުވެރިކަމުގެ ހުރިހާ ބާވަތެއްވެސް ކާށިދޫ ދަނޑުވެރިން ހައްދައެވެ. ނަމަވެސް އެރަށު ދަނޑުވެރިން އެންމެ ގިނައިން ހައްދާ ބާވަތްތަކުގެ ތެރޭގައި ކަރާ، މިރުސް، ކޮޕީފަތް އަދި ފަނި ގިރަން ބޭނުން ކުރާ ބައެއް ބާވަތްތައް ހިމެނޭކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކާށްޓާއި ކުރުނބާ ވެސް ގިނަ އަދަދަަށް މާލެއަށް ފޮނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަހުލާ ވިދާޅުވީ، ސީދާ ދަނޑިވެރިން މާލޭ މާރުކޭޓަށް އުފެއްދުންތައް ގެނައުމުގެ ބަދަލުގައި، ކާށިދޫ ދަނޑުވެރިން އެމީހުންގެ އުފެއްދުންތައް ވިއްކަނީ އެރަށުގެ ސަޕްލަޔަރުންނަށް ކަމަށެވެ. އުފެއްދުންތައް މާލޭގެ ބާޒާރަށް ގެންނަނީ ސަޕްލަޔަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސަހުލާ ވިދާޅުވީ، ތަކެތީގެ އަގާ ބެހޭގޮތުން މާބޮޑު އެއްޗެއް ވިދާޅުވެވެން ނެތް ކަމަށާއި، ތަކެތީގެ އަގު ކަނޑައެޅިގެންދަނީ އާއްމު ބާޒާރުގައި އެވަގުތަކު ތަކެތީގެ އަގުތައް ދައުރުވަމުންދާ ގޮތަކަށް ކަމަށެވެ. ނަމަވެސް ކާށިދޫގެ ބާވަތްތައް ފުރިހަމަ ގޮތުގައި ބާޒާރަށް އަންނާން ފެށުމުން އަގަށް ރަނގަޅު ބަދަލެއް އަންނާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ.