ޚަބަރު

އެސްޓީއޯ އިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ހުށަހަޅަނީ

ސަރުކާރުގެ މައި ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މިދިޔަ އަހަރު ލިބުނު ފައިދާ އިން ހިއްސާއަކަށް 80 ރުފިޔާ ބަހަން ހުށަހެޅުމަށް އެ ކުންފުނީގެ ބޯޑުން މިއަދު ނިންމައިފިއެވެ.

އެސްޓީއޯ އިން މިއަދު ބުނީ، އެ އަދަދަކީ މިދިޔަ 17 އަހަރުގެ ތެރޭގައި އެސްޓީއޯ އިން ހިއްސާދާރުންނަށް ހިއްސާގެ ގޮތުގައި ބަހާނެ އެންމެ ބޮޑު އަދަދެވެ. އަދި އެ އަދަދު ހިއްސާދާރުން ފާސްކޮށްދިނުމަށް، އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާނެ ކަމަށާއި ހިއްސާގެ ފައިދާ ބަހާނީ އެ ޖަލްސާ އިން ފާސްވުމަށްފަހު ކަމަށް ބުންޏެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ އެލައިޑް އިންޝުއަރެންސްގެ ހިސާބުތައް ނިންމުމުގައި ލަސްތަކެއް ދިމާވުމުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ހުއްދަ އާއެކު އެސްޓީއޯގެ ކުންފުނީގެ އަހަރީ ރިޕޯޓް އާންމުކުރުމުގެ މުއްދަތު މި މަހުގެ 15އަށް އަދި އަހަރީ އާންމު ޖަލްސާ ބޭއްވުމުގެ މުއްދަތު އަންނަ މަހުގެ 15އަށް ވަނީ އިތުރުކޮށްފައެވެ.

އަދި ކުންފުނީގެ އަހަރީ ރިޕޯޓު އާންމުކޮށް އަހަރީ އާންމު ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތަކުގެ މައުލޫމާތު ދިނުމަށް މި މަހުގެ ކުރީކޮޅު އެ ކުންފުނީގެ ހިއްސާދާރުންނާ އެކު ނުރަސްމީ ބައްދަލުވުމެއްވެސް ބާއްވައިފައިވެއެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބުނެވެ.