ޚަބަރު

ޖަރާސީމުން ތަޣައްޔަރު ވުމުގެ ފުރުސަތުއޮތް ދެވައްތަރެއްގެ ޗީޒް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފި

އަލީ އިހްސާން

ޖަރާސީމުން ތަޣައްޔަރު ވުމުގެ ފުރުސަތުއޮތް ދެވައްތަރެއްގެ ޗީޒް ރާއްޖެ އެތެރެކޮށް ވިއްކުން މަނާކޮށްފިއެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، އީކޮލައި (E coli) ޖަރާސީމުން ތަގައްޔަރު ވުމުގެ ފުރުސަތު އޮތް ސެއިންޓް ފެލިސިއެން (SAINT FELICIEN ) އަދި ސެއިންޓް މާސެލިން ( SAINT MARCELLIN) ބާވަތްތަކުގެ ޗީޒް ޔޫރަޕުން ދިވެހި ރާއްޖެއަށް އެތެރެ ވެފައިވާ ކަމުގެ މައުލޫމާތު ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓް ވާރކް(INFOSAN) އާއި ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް ފީޑް (RASFF) އިން އެ އޮތޯރިޓީއަށް އަންގާފައިވާ ކަމަށެވެ.

މި ކަމާ ގުޅިގެން އެ އުފެއްދުންތައް ބާޒާރުން ނެގުމުގެ މަސައްކަތް ކުރަމުން ދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ބުނެފައެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން 31 މެއި 2019 ގެ ނިޔަލަށް މުއްދަތު ހަމަވާ މި ދެ ބާވަތުގެ ޗީޒް ރާއްޖެއަށް އެތެރެކޮށް، ވިއްކުމަކީ މަނާ ކަމެއް ކަމަށާއި، ތަޣައްޔަރު ވެފައިވާ އެ އުފެއްދުން ވިއްކަން ހުރިކަން ފާހަގަ ކުރެވިއްޖެ ނަމަ އެއޮތޯރިޓީގެ ނަމްބަރު 3014361 ފޯނަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެދޭކަމުގައެވެ.