ރަމަޟާން ވެޓަރަންސް ކަޕް

ވިކްޓަރީ ބަލިކޮށް، އޭދަފުށިން ފެށުން ރަނގަޅުކޮށްފި

ރަމަޟާން ވެޓަރަންސް ކަޕް 2019ގައި ކުޅުނު ފުރަތަމަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބު އަތުން އޭދަފުށީ ވެޓަރަންސް ފުޓްބޯޅަ ކްލަބު މޮޅުވެއްޖެއެވެ.

އެފްއޭއެމް ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގައި ވިކްޓަރީގެ މައްޗަށް އޭދަފުށިން ކުރި ހޯދީ 3-0ގެ ނަތީޖާއަކުންނެވެ.

ކުރީގެ މޮޅެތި ކުޅުންތެރިންނާއެކު ކުޅެމުންދިޔަ އޭދަފުށިން ވަނީ ފުރަތަމަ ހާފުގައި ވެސް މޮޅު ކުޅުމެއް ދައްކައި، ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. އެގޮތުން މެޗުގެ 16 ވަނަ މިނެޓުގައި އޭދަފުއްޓަށް ލީޑު ހޯދައިދިނީ އަބްދުﷲ ޝިފާއުއެވެ.

އެ ލަނޑަށްފަހު ވެސް މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެމުންދިޔައީ އޭދަފުށިންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 23 ވަނަ މިނެޓުގައި އިސްމާއީލް މުހައްމަދު (އިއްސެ) ވަނީ އޭދަފުއްޓަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ 56 ވަނަ މިނެޓުގައި އޭދަފުށިން ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އެ ލަނޑު އޭދަފުއްޓަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން އިއްސެއެވެ.

އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އޭދަފުއްޓަށް ދެ ލަނޑު ކާމިޔާބުކޮށްދިން އިއްސެއެވެ. އަދި 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އޭދަފުށީގެ ޔޫސުފް އަޒީމް (ޔޫއްޓޭ) އެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ރަމަޟާން ވެޓަރަންސް ކަޕްގައި ހަތް ޓީމެއް ވާދަކުރެއެވެ. އެއީ ވިކްޓަރީ ސްޕޯޓްސް ކްލަބު، އޭދަފުށީ ވެޓެރަންސް ފުޓްބޯޅަ ކަޕް، ކްލަބު ގްރީން ސްޓްރީޓްސް، ޕޮލިސް ކްލަބު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ދިވެހި ސިފައިންގެ ކްލަބު އަދި ކްލަބު އީގަލްސްއެވެ.

ލީގު އުސޫލުން ކުޅޭ އެ މުބާރާތުގެ ފައިނަލުގެ ޖާގައެއް ލީގުގެ އެންމެ ކުރި ހޯދާ ޓީމަށް ލިބޭނެއެވެ. ފައިނަލުގެ ދެވަނަ ޖާގަ ލިބޭނީ ލީގުގެ ދެވަނަ އަދި ތިންވަނަ ޓީމު ކުޅޭ ޕްލޭ އޯފް މެޗުން މޮޅުވާ ޓީމަށެވެ.

ކުރީގެ ފުޓްބޯޅަ ތަރިންނަށް ހާއްސަކޮށްގެން ބާއްވާ އެ މުބާރާތުގައި މާދަމާ ހަވީރު 4:30ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ގްރީން ސްޓްރީޓްސް އާއި ޕޮލިސް ކްލަބެވެ. އެ މުބާރާތަކީ މޯލްޑިވްސް ސޮކާ މޭޓްސް އިން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ.