ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގުގެ ގްރޫޕް ބީގައި މިއަދު ކުޅުނު މެޗުގައި ދަ ގްރާންޑޭއާއި މުއިވެޔޮ ފްރެންޑްސް ކްލަބު އެއްވަރުވެއްޖެއެވެ.
ހެންވޭރު ޓާފް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ދަ ގްރާންޑޭއާއި މުއިވެޔޮ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މިދިޔަ އަހަރު ފައިނަލުގައިވެސް ކުޅުނު މުއިވެޔޮއިން މިފަހަރުވެސް މުބާރާތަށް ނުކުތީ ރާއްޖޭގެ ނައިބު ރައީސް، ހުސައިން މުހައްމަދު ލަތީފްގެ ކެޕްޓަން ކަމުގެ ދަށުންނެވެ. މިއަދުގެ މެޗުގައިވެސް ނައިބު ރައީސް ކުޅުއްވާފައިވެއެވެ.
ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ޖެހިފައި ނުވާ އިރު، ދެވަނަ ހާފަށް ނުކުމެ މާ ގިނައިރުތަކެއް ނުވެ، ދަ ގްރާންޑޭން ލީޑު ނެގިއެވެ. އެއީ މެޗުގެ 42 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ މެދުތެރެއިން ދިން ބޯޅައެއްގައި ހޫދު ނާޒިރު ކުރިއަށް ޖެހުމުން، އޭރިއާ ތެރެއިން މުއިވެޔޮގެ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ކުރި ފައުލަކަށް ދިން ޕެނަލްޓީއެއްގައި ޖެހި ގޯލެކެވެ. އެޓީމަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ އިބްރާހީމް ޒައީމެވެ.
އެ ގޯލަށް މާ ގިނައިރެއް ނުވެ، މުއިވެޔޮއިން ނަތީޖާ ހަމަހަމަކުރިއެވެ. 44 ވަނަ މިނެޓުގައި މުއިވެޔޮއަށް އެއްވަރުކޮށްދިނީ އަހުމަދު ނިޔާޒް (ނިޔާ)އެވެ.
ވެޓެރަންސް ލީގު އެފްއޭއެމްއާ ގުޅިގެން މިއަހަރުވެސް އިންތިޒާމުކުރަނީ ކްލަބު އިވެންޓްސް އިންނެވެ. ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެން ލީގު ބުރު ކުރިއަށްގެންދާ އިރު، ގްރޫޕް އޭގައި ހިމެނެނީ ޖެހިޖެހިގެން ތިން ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ހުޅުމާލޭ ވެޓެރަންސް ކްލަބާއި ވިލިމާލެ ޔުނައިޓެޑް، ދިވެހި ސިފައިންގެ ކްލަބް އަދި ޒެލޮޓްގެ އިތުރުން ހުއްރިއްޔާ އެވެ. ގްރޫޕް ބީގައި ހިމެނެނީ މިދިޔަ އަހަރުގެ ފައިނަލުގައި އެއްކޮޅުން ވާދަކުރި މުއިވެޔޮ ފްރެންޑްސްއާއި ދަ ގްރާންޑޭ، ސްޓެލްކޯ، ކްލަބް އީގަލްސް އަދި ޕޮލިސް ކްލަބެވެ.
އެފްއޭއެމް ވެޓެރަންސް ލީގުން ކުރީގެ މަޝްހޫރު ކުޅުންތެރިން ފެނިގެންދާ އިރު، މާދަމާ ހަވީރު އޮންނަ މެޗުގައި ޒެލޮޓް ނުކުންނާނި ދިވެހި ސިފައިން ކްލަބާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ ހަވީރު 4:30 ގައެވެ.