ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 15 މައުޟޫއަކާ ބެހޭ 213 ބިލު ހިމެނޭ ކަމަށާއި އޭގެ ތެރެއިން 78 ބިލަކީ މުޅިން އާ ބިލުތަކެއް ކަމަށް އެޓާނީ ޖެނެރަލް އޮފީހުން ބުނެފިއެވެ.
އެޓާނީ ޖެނެރަލް އޮފީހުން މިއަދު ބުނީ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބިލުތައް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުންގެންދާނީ ކޮންމެ އަހަރެއްގެ މަޖިލީހުގެ ތިން ދައުރަށް ބިނާކޮށް ކަމަށެވެ. އެފަދައިން ބިލުތައް ހުށަހަޅާއިރު ހާލަތަށާއި ބޭނުމަށް ރިއާޔަތްކުރަން ޖެހޭނެތީ މަދުވެގެން އަހަރަކު އެއްފަހަރު ލެޖިސްލޭޓިވް އެޖެންޑާ މުރާޖައާ ކުރާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ލެޖިސްލޭޓިވް އެޖެންޑާއަށް ގެންނަންޖެހޭ އުނިއިތުރުތަކާއެކު، ކޮންމެ އަހަރެއްގެ މަޖިލީހުގެ ތިން ދައުރަށް ބިނާކޮށް ވަކިވަކި ލެޖިސްލޭޓިވް އެޖެންޑާ ކަނޑައެޅިގެންދާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބައެއް މުހިންމު ބިލުތަކުގެ ތެރޭގައި ގާނޫނުއަސާސިއަށް އިސްލާހު ގެނައުމުގެ ބިލާއި، ހެއްކާބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހު، މަދަނީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާ އިސްލާހު، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހަޅާ އިސްލާހު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމުންގެ ވޯޓު ނެގުމުގެ ބިލު ހިމެނެއެވެ.
މީގެ އިތުރުން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ސިވިލް ސާވިސް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާ ބިލު، މީހުން ސްމަގްލްކުރުން ހުއްޓުވުމުގެ ބިލު އަދި ސައިބާ ސެކިއުރެޓީއާ ބެހޭ ބިލު ހިމެނެއެވެ.
ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމެންޓް އޮފް ދަ ކްރައިމް އޮފް ޖެނެސައިޑާ ގުޅޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު)، އިންޓަނޭޝަނަލް ކޮންވެންޝަން ފޯ ދަ ޕްރޮޓެކްޝަން އޮފް އޯލް ފާސަންސް ފްރޮމް އެންފޯސްޑް ޑިސަޕިއަރެންސްއާ ގުޅޭ ބިލު (އަލަށް ހުށަހަޅަން ނިންމައިފައިވާ ބިލު) އަދި ބޯހިޔާވަހިކަމާ ބެހޭ ބިލުގެ އިތުރުން މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ބިލާއި ފޮރިން އިންވެސްޓްމަންޓް ބިލު ވެސް ހިމެނެއެވެ.