މާލެ ސިޓީގެ ހަތަރު ސަރަހައްދެއްގައާއި 25 މިސްކިތެއްގައި އީދު ނަމާދުކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ މާފަންނު ސްޓޭޑިއަމްގައި ކަމަށާއި ވިލިމާލޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނީ އެ އަވަށު ބޯޅަދަނޑުގައި ކަމަށެވެ. ހުޅުމާލޭގެ ދެ ތަނެއްގައި ވެސް ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެއެވެ. އެއީ ސިންތެޓިކް ޓްރެކާއި ހުޅުމާލެ ފޭސް ދޭއްގެ ކްރިކެޓް ސްޓޭޑިއަމުގައެވެ.
މިނިސްޓްރީން ބުނީ، މޫސުން ގޯސްވެ، ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރެވޭ ގޮތް ވެއްޖެ ނަމަ އީދު ނަމާދުކުރުން އޮންނާނީ ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ކަމަށެވެ.
ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ މައިދާންތަކާއި މިސްކިތްތައް ހުންނާނީ އަންހެނުންނަށް ވެސް އީދު ނަމާދުކުރެވޭނެ ޖާގަ ހަމަޖައްސާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
އީދު ނަމާދު ފަށާ ގަޑިއަކީ ހެނދުނު 7:00 ގައެވެ. ކުރިން އީދު ނަމާދު ފަށަނީ 7:30 ގައެވެ. މިއަހަރުގެ އަލްހާ އީދު ދުވަހަށް ވަނީ އަންނަ އާދިއްތަ ދުވަހެވެ.