ފަލަސްތީންގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ގައުމީ ފެންވަރުގައި މިއަދު ކުރިއަށްދާ ޓެލެތޯނަށް އެސްޓީއޯގެ ފަރާތުން ތިން ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން 'ފަލަސްތީނާއެކު ދިވެހީން'ގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯނަށް އެސްޓީއޯގެ ފަރާތުން ބޮޑު އެހީއެއް ވެފައިވާއިރު ފަލަސްތީނަށް އެހީވުމަށް އެސްޓީއޯ ގްރޫޕުން މިދިޔަ އޮކްޓޯބަރު މަހު ވަނީ އެއް މިލިއަން ރުފިޔާ ހަދިިޔާކޮށްފައެވެ.
އޭގެ އިތުރުން މިއަދު ކުރިއަށް ގެންދާ ޓެލެތޯނަށް އެހީވުމުގެ ގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ ހެޑް އޮފީހުގެ ގޭޓު ކައިރީގައިވެސް ފަންޑު ފޮއްޓެއް ވަނީ ބަހައްޓައިފައެވެ.
އެސްޓީއޯ އިން ބުނީ، ފަލަސްތީން ރައްޔިތުންނަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯނަށް ފައިސާ ހޯދުމަށް އަތޮޅުތެރޭގައި ހުންނަ އެ ކުންފުނީގެ ފާމަސީތަކުގެ މުވައްޒަފުންވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.