މަސްތުވާތަކެތީގެ މުއާމަލާތްތަކާއި ހަށިވިއްކުމަށް ހާއްސަކޮށްގެން ޖަޒީރާގެ ނަމުގައި ޓެލެގްރާމް ޗެނެލްތަކެއް ހިންގި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން މިއަދު ބުނީ ޓެލެގްރާމުގައި "ޖަޒީރާ އެޑްމިން" ގެ ނަމުގައި ހަދާފައިވާ ޔޫސާ ބޭނުންކުރަމުންގެންދާ ފަރާތުން "ޖަޒީރާ" އާއި "ޖަޒީރާ ގާލްސް" އަދި "ޖަޒީރާ އެސްކޯޓްސް ގެލެރީ" ނަމުގައި ތަފާތު ޗެނަލްތައް އުފައްދައި، މަސްތުވާތަކެތި އިސްތިހާރުކޮށް، ވިއްކުމާއި ހަށިވިއްކުމަށް ހިތްވަރުދޭ ގޮތަށް އިސްތިހާރުކޮށް، އެކަމަށް މަގުފަހިކުރުމުގެ އިތުރުން ރާއްޖޭގައި އާންމުކޮށް ވިއްކުން މަނާ ބޭހައި އަދި އޮރިޔާން މަންޒަރު އެކުލެވޭ ފޮޓޯއާއި ވީޑިއޯ ޕޯސްޓް ކުރަމުންގެންދާ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް މި މަހުގެ ތިން ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ދައުލަތުން ދައުވާ އުފުލާ ތިން މީހުންނަކީ ދަފުތަރު ނަންބަރު ރސ 12966/ އިބްރާހީމް ރަޝީދު، ތ. ވޭމަންޑޫ/ ރެދިންގެ، ނިޝާނީ އަލީ އަދި ގދ. ރަތަފަންދޫ/ ވެލީގެ، އައިސަރު ނަސީމެވެ.
ޕީޖީ އޮފީހުން ބުނީ ދައުވާތަކާ ގުޅިގެން އެ ތިން މީހުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 9,495,685.55 ރުފިޔާ ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ. އެ މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވަނީ އެ ފައިސާ އެކި އަދުތަކުން އެކި އެކައުންޓުތަކުން ދައުރުކޮށް ލޯންޑާކޮށްފައިވާތީ ކަމަށްވެސް ބުންޏެވެ.
އެ ތިން މީހުންގެ މައްޗަށް ހަޑިހުތުރު އެއްޗެއް ރައްދުކުރުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ ހަށިވިއްކުމަށްޓަކައި ގެންގުޅޭ މީހުން ކަމަށް ބެލެވޭ މީހުންގެ ފޮޓޯ ފޮނުވައި، ހަށިވިއްކުމާއި ގުޅުންހުރި މެސެޖުތައް ކޮށް، އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ފޮނުވައި، ހަޑިހުތުރު އެއްޗެއްކަން އެނގިހުރެ، އެ ތަކެތި ފޮނުވައި ރައްދުކޮށްފައިވާތީ ކަމަށް ޕީޖީން ބުންޏެވެ.
ޕީޖީ އޮފީހުން ބުނީ، ޖިނާއީ މައްސަލައެއްގައި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަކީ އެ މީހަކު ކުށްވެރިވާ ކަމެއް ނޫން ކަމަށާއި ދައުވާއެއް ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކިގަރީނާއަށް ބަލައި، ދައުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ފެނިވަޑައިގަތުމުން ކަމަށެވެ.
އެހެންކަމުން ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި، އެ މީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި، ޝަރީއަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ހައްގު ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ބުންޏެވެ.