މިއަހަރުގެ ޔޫރޯއާ ދިމާކޮށް، ވަން މީޑިއާ ގުރޫޕުން ތައްޔާރުކުރި "ވަން ޔޫރޯ ގައިޑް 2024" މިއަދު ނެރެފިއެވެ.
"ވަން ޔޫރޯ ގައިޑް 2024" ނެރެފައިވަނީ "ވަން"ގެ އޮފީހުގައި އެކަމަށްޓަކައި މިއަދު ބޭއްވި ހާއްސަ ހަފުލާއެއްގައެވެ. އެ ހަފުލާގައި ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭނާއި ތަޖުރިބާކާރު ކޯޗު މުހައްމަދު ނިޒާމް ނިޒާމް (ނިޒާމްބެ) އާއި އެމްޓީސީސީގެ މާކެޓިން އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު ރާސިލްގެ އިތުރުން ކުޅިވަރު ނޫސްވެރިޔާ އިމާދު ލަތީފު ބައިވެރިވެވަޑައިގެންނެވިއެވެ..
މިއަދު މެންދުރުފަހުގެ ވަގުތެއްގައި ރައީސް އޮފީހުގައި ބޭއްވި ހަފުލާއެއްގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ޔޫރޯ ގައިޑް ހަދިޔާކުރައްވައިފައެވެ. އެ ރަސްމިއްޔާތުގައި "ވަން"ގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ވަން ޔޫރޯ ގައިޑްގެ އެޑިޓަރު ސިނާން އަލީ އާއި ޗެއާޕާސަން މިންހާ ފާއިޒް ރަޝާދާއި ކޮންޓެންޓް އެޑިޓަރު އިމާދު ލަތީފު އަދި މެނޭޖިން އެޑިޓަރު އަލީ ރިފްޝާނެވެ.
"ވަން" އިން ނެރުނު ޔޫރޯ ގައިޑަކީ މިފަހަރުގެ ޔޫރޯއާ ދިމާކޮށް ނެރޭ އެންމެ ތަފުސީލު ގައިޑެވެ. އެގޮތުން ޔޫރޯއާ ގުޅޭގޮތުން ކިޔުންތެރީންނަށް ބޭނުންވާނޭ ހުރިހާ މައުލޫމާތެއް ވަރަށްވެސް ތަފުސީލާއެކު މި ގައިޑުގައި ހިމަނާފައިވެއެވެ.
"ވަން" އިން ވަނީ 2020 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތާއި މިދިޔަ އަހަރު އޮތް ވޯލްޑް ކަޕަށް ހާއްސަ ގައިޑް ވެސް ދިވެހި ބަހުން ނެރެފައެވެ. އެ ދެ ގައިޑުވެސް ވެގެން ގޮސްފައިވަނީ ފުޓްބޯޅައަށް ލޯބިކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ދެ ގައިޑަށެވެ. ޑިޒައިނާއި މައުލޫމާތަށް ބަލާއިރުވެސް "ވަން"ގެ ގައިޑްތައް ފުރިހަމަ ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
މިފަހަރުގެ ޔޫރޯއަށް ހާއްސަ "ވަން ޔޫރޯ ގައިޑް 2024" އާއި މުބާރާތުގެ ސްކޯ ޗާޓު މިހާރު "ވަން"ގެ އޮފީސް (މއ. ޔުރީކާ، ދެވަނަ ފަންގިފިލާ) އިން ލިބެން ހުންނާނެއެވެ. ގައިޑު ވިއްކާ އަގަކީ 100 ރުފިޔާއެވެ. ކޮންމެ ގައިޑަކާއެކު ހިލޭ ސްކޯ ޗާޓެއް ލިބޭނެއެވެ. އަދި ސްކޯ ޗާޓެއް ވަކިން ވިއްކާ އަގަކީ 35 ރުފިޔާއެވެ.
"ވަން ޔޫރޯ ގައިޑް 2024"އާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން މި ގައިޑުގެ ކޮންޓެންޓް އެޑިޓަރު، އިމާދު ލަތީފު ވިދާޅުވީ މިފަހަރު ވެސް ފުޓްބޯޅަ ފޭނުންނަށް ބޭނުންވާ، އެންމެ ފުރިހަމަ މައުލޫމާތު ހިމެނޭ ގައިޑަކަށް ވެގެންދާނީ "ވަން"ގެ ގައިޑް ކަމަށެވެ.
"ވަން ޔޫރޯ ގައިޑް" ވަރަށް ތަފާތު ވާނެ. މައުލޫމާތު، ޑިޒައިން، އަދި އެހެން ކަންކަމަށް ބަލާއިރުވެސް މާ ބޮޑަށް ފުރިހަމަ ވާނެ." އިމާދު ވިދާޅުވިއެވެ.
"ވަން ޔޫރޯ ގައިޑް"ގެ އެޑިޓަރު، ސިނާން އަލީ ވިދާޅުވީ، މިފަހަރުގެ ޔޫރޯ ގައިޑުގައި ސަޕްރައިސިން ބައެއްވެސް ހިމެނޭނެ ކަމަށާއި މި ގައިޑް ވެގެން ދާނީ، ފުޓުބޯޅައަށް ލޯބިކުރާ ކޮންމެ މީހަކަށް ވެސް ބޭނުންތެރި، ބަލައިލާން ހިތްގައިމު، މައުލޫމާތު މުއްސަނދި ގައިޑަކަށް ކަމަށެވެ.
"މީގެ ކުރީން 2020ގައި އަޅުގަނޑުމެން ނެރުނު ޔޫރޯ ގައިޑާއި މިދިޔަ އަހަރު ނެރުނު ވޯލްޑްކަޕް ގައިޑަށްވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު. ވޯލްޑްކަޕާއި ޔޫރޯއަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު ދެ މުބާރާތަށް ވާތީ، މި ގައިޑުތައްވެސް ސަޕޯޓަރުންގެ އުއްމީދުތަކާ އެއް ފެންވަރެއްގައި ބެހެއްޓުމަށް "ވަން"ގެ ޓީމުން އަބަދުވެސް މަސައްކަތް ކުރޭ. މިފަހަރުގެ ގައިޑުވެސް ވަރަށް ފުރިހަމަ ވާނެ." ސިނާން ވިދާޅުވިއެވެ.
"ވަން ޔޫރޯ ގައިޑް 2024"އާ ބައްލަވައިގަތުމާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް ގުޅާނެ ނަންބަރަކީ 7744464 އެވެ.