ޚަބަރު

ސްޓެލްކޯއިން ފަލަސްތީން ޓެލެތޯންއަށް ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފި

ފާތިމަތު ލިޔުޝާ

ރާއްޖޭން ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށްޓަކައި ކުރިއަށް ގެންދާ ހާއްސަ ޓެލެތޯން އަށް ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ޕީއެސްއެމް އިން "ފަލަސްތީނާއެކު ދިވެހީން"ގެ ނަމުގައި ކުރިއަށް ގެންދާ ޓެލެތޯނަށް އެ ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ގެންދަނީ ސްޓެލްކޯގެ ހެޑް އޮފީހުގެ ކުރިމަތީގައި ބަހައްޓާފައިވާ ފަންޑު ފޮށްޓަށް އެކި އަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

ސްޓެލްކޯގެ މުވައްޒަފުންގެ ފަރާތުން ބައި މިލިއަން ރުފިޔާ ހަދިޔާ ކުރީ ޕީއެސްއެމް އާއި މީޑިޔާތައް ގުޅިގެން މިއަދު ހެނދުނު 8:00 ގައި ފެށި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ފައިސާއާ ހަވާލުވެވަޑައިގެންނެވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރުއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީފެ މުވައްޒަފުން ސާބިތުކަމާ އެކު އަބަދުވެސް ދެމި ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކުގައި ކަމަށެވެ.

މި ޓެލެތޯން ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 8:00 އިން މިރޭ 12:00 ގެ ނިޔަލަށެވެ.

ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯނުގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވެއެވެ. މިޓެލެތޯންގައި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށްވެސް ފަސޭހައިން އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދެ އެކައުންޓެއް ވަނީ ހުޅުވައިފައެވެ. އެގޮތުން ފައިސާ ޖަމާކުރެވޭނީ ދިވެހި ފައިސާއިންނަމަ، 7730000655865 އަދި ޑޮލަރުން ނަމަ، 7730000655866 އެކައުންޓަށެވެ.