ޚަބަރު

ކަސްޓްމްސްގެ ސީއާރު ކަޕް 20 އިއްޔެ ފަށައިފި

ކަސްޓްމްސްގެ ސީއާރު ކަޕް 20 އިއްޔެ ފަށައިފިއެވެ.

ކަސްޓަމްސްއިން ބުނީ ކަސްޓަމްސްގެ ސެކަޝަންތަކުގެ މެދުގައި އަހަރަކު އެއްފަހަރު ބާއްވާ ފުޓުސަލް މުބާރާތް "ސީއާރު ކަޕް 20" ހެންވޭރުޓާރފް ދަނޑުގައި އިއްޔެ ފަށާފައިވާކަމަށެވެ.

މި މުބާރާތުގައި ކަސްޓަމްސްގެ ސެކްޝަން ތަކުން ޖުމްލަ ނުވަ ޓީމް ބައިވެރިވެފައިވެއެވެ.

މިމުބާރާތް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނަރ އިސްމާއީލް ނާޝިދެވެ.

މި މުބާރާތުގައި އިއްޔެ ބައްދަލުކޮށްފައިވަނީ އެމްޓީ ޔުނައިޓެޑް އަދި ކާރގޯ އެކުވެރިންނެވެ. މިމެޗް ނިމުނީ 3-3 ން ދެ ޓީމު އެއްވަރުވެގެންނެވެ. މެޗުގެ މޭންއޮފް ދަ މެޗަކަށް ހޮވުނީ ކާރގޯ އެކުވެރިންގެ މުހައްމަދު ފައިޒަންއެވެ.

ކަސްޓަމަސްއިން ބުނީ މި މުބާރާތް ކުރިއަށް ގެންދަނީ ބައިވެރިވި 9 ޓީމު ތިން ގުރޫޕަކަށް ބަހާލައިގެން ކަމުގައެވެ. މިގޮތުން ކޮންމެ ގުރޫޕެއްގެވެސް އެއްވަނަ އަދި ދެވަނަ ހޯދާ ޓީމުތަކުގެ އިތުރުން ތިންވަނައަށް ދާ ތީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ދެޓީމު ކުއާޓަރ ފައިނަލްއަށް ދަތުރު ކުރާނެއެވެ.

މި މުބާރާތުގެ ކުޅުން ކުރިއަށްގެންދާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން 18:00 އަށް ހެންވޭރު ޓަރފްދަނޑުގައެވެ. މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ހަމަޖެހިފައިވަނީ މޭ 18ވާ ހޮނިހިރު ދުވަހުއެވެ.

ސީއާރު ކަޕް އަކީ ކަސްޓަމްސްގެ ފަރާތުން 2000 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން ގެންދާ މުބާރާތެކެވެ.