ލޭނު މަސްވެރިކަމަށް އަލުން ހުޅުވާލުމާ ދެކޮޅަށް ކަންނެލި މަސްވެރިން ހުޅުމާލެ ކަންނެލި ޖެޓީގައި މުޒާހަރާ ކުރަން މިއަދު ފަށައިފިއެވެ.
ލޭނު ހުއްދަ ދިނުމާ ދެކޮޅަށް ހުޅުމާލޭގައި މުޒާހަރާ ކުރާ މަސްވެރިން ބުނީ ސަރުކާރުން މަސްވެރިންނަށް ވީ އެއްވެސް ވައުދެއް ފުއްދަން މަސައްކަތް ކުރަމުން ނުދާ ކަމަށާއި ކަންނެލި މަސްވެރިކަމުގައި ލޭނު އެޅުމާ މަސްވެރިން ދެކޮޅު ކަމަށެވެ.
"ބޮޑު ކަންނެލީގައި ލޭނު އެޅުމަށް ހުއްދަ ދިނުމުން މަސްވެރިން ނިކަމެތިވާނެ ކަމުގެ ބިރު އެބައޮތް. ފެކްޓްރީތަކަށް ލޭނު އެޅުމަށް ހުއްދަ ދިނުމުން މަސްވެރިން ބާނާ މަހަށް އޮތް ޑިމާންޑު އެއްކޮށް ގެއްލޭނެ." އިހުތިޖާޖުގެ ބައިވެރިޔަކު ބުންޏެވެ.
ބޮޑުކަންނެލީގެ މަސްވެރިން ތުހުމަތުކުރާ ގޮތުގައި ލޭނު މަސްވެރިކަމަށް ހުއްދަ ދޭން އުޅެނީ ވިޔަފާރިވެރިންގެ ފައިދާއަށް ކަމަށެވެ.
ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރުމުގެ ހުއްދަ ދޭން ސަރުކާރުން މަސައްކަތް ކުރަނީ، އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރުމަށް އެކި ފަރާތްތަކަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައިއޯޓީސީ) އިން ދޭ ކޯޓާގެ ދަށުން ރާއްޖެއަށް ކަނޑައަޅާ ކޯޓާ ހަމަކުރަން ކަމަށް ބުނެއެވެ. އެއީ އެ ކޯޓާއަށް މަސް ނުބާނައިފިނަމަ އަހަރުން އަހަރަށް އެ ކޯޓާ ދަށް ކުރާތީއެވެ.
ރާއްޖޭގެ ކަނޑުގައި ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރީން ދަނީ ބޮޑު ކަންނެލި ޔޫނިއަންގެ އިތުރުންވެސް ކަމާގުޅުން ހުރި އެހެން ފަރާތްތަކާ ބައްދަލު ކުރަމުންނެވެ. އެކަމުގައި ގޮތެއް ނިންމާނީ ހުރިހާ އެންމެންގެ ހިޔާލު ހޯދުމަށްފަހު ގައި ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.