ޚަބަރު

ދިރާގާއި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި އީދު ފާހަގަ ކުރަނީ

މިއަހަރުގެ އަލްހާ އީދު ހުޅުމާލޭގައި ފާހަގަކުރުމަށް ދިރާގާއި ހައުސިންްޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ދިރާގުން ބުނީ ހުޅުމާލޭގައި އަލްހާ އީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ "ހުޅުމާލެ އީދު އުފާ 2024" ގެ ނަމުގައި ކަމަށެވެ. އެ ހަރަކާތް ކުރިއަށް ގެންދިޔުމުގައި ޝީޝާ މޯލްޑިވްސްއިން ވެސް ބައިވެރިވާނެ ކަމަށް ދިރާގުން ބުންޏެވެ.

އީދު ހަރަކާތްތައް ހުޅުމާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިމަހުގެ 15 އިން 17ގެ ނިޔަލަށް ކަމަށް ދިރާގުން ބުންޏެވެ. އީދު ހަރަކާތްތަކުގެ ތެރޭގައި އީދު ވެދުން، ބޮޑު ހުޅުޖެހުން، ބޮޑުމަސް ބޭނުން، މާލި ޕެރޭޑް އަދި ކޯޑި ކެނޑުން ފަދަ ސަގާފީ އީދު ހަރަކާތްތައް ހިމެނޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި މިމަހުގެ 16 އަދި 17 ޖޫން ގައި ކުޑަކުދީންގެ ހަވީރެއް ވެސް ސެންޓްރަލް ޕާކުގައި ބާއްވާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ އެޗްޑީސީއާ ގުޅިގެން ހުޅުމާލޭގެ ރައްޔިތުންނަށް އީދުގެ ހަރަކާތްތަކެއް ގެނެސްދިނުމަކީ ދިރާގަށް ލިބޭ އުފަލެއް ކަމަށެވެ.

"އަލްހާއީދަކީ އަބަދުވެސް އަޅުގަނޑުމެން ދިވެހިން އެއްބައިވަންތަކަމާ އެކު، ވަރަށް ކުލަގަދަކޮށް ފާހަގަކުރާ އީދެއް. އެހެންކަމުން މި އީދުގައި ވެސް ތަފާތު ސަގާފީ ހަރަކާތްތައް އާންމުންނަށް ގެނެސްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އޭނާ ވިދާޅުވި އެވެ.

އެޗްޑީސީގެ ޗީފް ބިޒްނަސް އޮފިސަރު، އަހްމަދު ޔާމީން ވިދާޅުވީ އެފަދަ ކޮމިއުނިޓީ އިވެންޓްތަކަށް ދިރާގުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަލްހާ އީދުގެ ހަރަކާތްތަކަކީ ސަގާފަތުގެ ވަރަށް މުހިންމު ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެގޮތުން މިފަދަ ފޯރިގަދަ ހަރަކާތްތަކެއް ހުޅުމާލެގައި ދިރިއުޅޭ ފަރާތްތަކަށް ގެނެސްދިނުމުގައި ދިރާގުން އަޅުގަނޑުމެންނާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެއްވާކަމަށް ޓަކައި ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

ދިރާގުން ބުނީ ކުރީ އަހަރުތަކާ އެއްފަދައިން މިއަހަރުވެސް ދިރާގު އީދު ބޮނޑިބަތް ހަދިޔާކުރުން އީދު ނަމާދަށް ފަހު، 16 ޖޫން ވާ އާދީއްތަ ދުވަހު ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ކުރިއަށްދާނެ ކަމަށެވެ.

މީގެ އިތުރުން ދިރާގު އީދު ޝޯ އަދި އެކުންފުނީގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ލަކީ ޑްރޯ ހަރަކާތް 17 ޖޫން ވާ ހޯމަ ދުވަހުގެ ރޭ 8:00 އިން ފެށިގެން ހުޅުމާލެ ސެންޓްރަލް ޕާކްގައި އޮންނާނެ ކަމަށެވެ. އެ ދެ ހަރަކާތުގެ ވެސް ހޯސްޓިން ޕާޓްނަރަކީ އެޗްޑީސީ ކަމަށް ދިރާގުން ބުންޏެވެ.