ތުތިބޯވަދިލަމަހުގެ މަސްވެރިކަން ދަސްކުރުމަށް ބޭނުންވާ ފާރާތްތަކަށް ބާއްވާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފިޝަރީސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ދެ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމުގައެވެ.
ތިއަރީ ސެޝަންތަކާއި އަމަލީ ސެޝަންތަކާ އެކުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މަސްވެރިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށާއި އަދި މިހާރު ވެސް މަސްވެރިކަމުގައި އުޅޭ ފަރާތްތަކަށް ބައިވެރިވެވޭނެކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށްޓަކައި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާން އެދޭ ފޯމާއި އައިޑީ ކާޑުގެ ކޮޕީއާއެކު ޖޫން 13ގެ ކުރިން އެ މިނިސްޓްރީއަށް ހުށަހަޅަން ޖެހެ އެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ގެޒެޓުން މިހާރު ލިބެން ހުންނާނެ ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި އުޅޭ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން އާލާކުރުމުގެ މަގުސަދުގައި މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ތުތި ބޯވަދިލަމަހުގެ މަސްވެރިކަން ދިވެހިރާއްޖެއަށް ތައާރަފް ކުރުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. މީގެކުރިންވެސް ސަރުކާރުން ވަނީ ތުތިބޯވާދިލަމަހުގެ މަސްވެރިކަން ކުރަން ބޭނުންވާފަރާތްތަކަށް ތަމްރީން ޕްރޮގްރާމްތަކާއި އެ މަސްވެރިކަން ކުރަން ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފަ އެވެ. މިފްކޯއިން ދާދި ފަހުން ވަނީ ތުތިބޯވަދިލަމަހުގެ އުފެއްދުންތައް ބާޒާރަށްވެސް ނެރެފައެވެ.