ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނާ އެކު، ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށް އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަދު ވިދާޅުވެއްޖެއެވެ.
ބޮޑުވަޒީރު މޯދީ ތިން ވަނަ ދައުރަށް މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެކުލަވައިލި ކެބިނެޓުގައިވެސް އެކްސްޓާނަލް އެފެއާޒް މިނިސްޓަރުކަމުގެ މަގާމު ފުރުއްވާ ޖައިޝަންކަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އިންޑިއާއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭނީ އަވަށްޓެރި ގައުމުތަކާ އޮންނަ ގުޅުން ރަނގަޅުކުރުމަށް ކަމަށެވެ. އެގޮތުން އަވަށްޓެރި ގައުމުތަކުގެ ވެރިން މޯދީ ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީވެސް އެކަމުގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ.
ޖައިޝަންކަރު ވިދާޅުވީ، އޭނާ އަށް ލިބިފައިވާ ތަޖުރިބާ އާއި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ރައީސް މުއިއްޒާ އެކު ވަރަށް ރަނގަޅު ބައްދަލުވުމެއް ބޭއްވެވި ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.
އެކްސްޓާނަލް އެފެއާޒް މިނިސްޓަރުކަމުގައި ހުންނަވާ ތިން ފަހަރެއްގެ މަތިން ޖައިޝަންކަރު ރާއްޖެއަށް ވެސް ވަޑައިގަތެވެ.
ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގެންނެވީ، އެ ގައުމުގެ ބޮޑު ވަޒީރު، މޯދީގެ ހާއްސަ ދައުވަތަކަށެވެ. މިއީ ރައީސް މުއިއްޒު އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.