ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކ. މާފުށީގައި ޔޫއެސް ޑޮލަރު އޭޓީއެމްއެއް ބަހައްޓައިފިއެވެ.
ބީއެމްއެލުން ބުނީ މިއީ މާލެއިން ބޭރުގައި ބެހެއްޓުނު ފުރަތަމަ ޔޫއެސް ޑޮލަރު އޭޓީއެމް ކަމަށެވެ. އެ އޭޓީއެމް އަކީ މާލެ، ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބެހެއްޓިފައި ހުރި އޭޓީއެމް ނެޓްވޯކަށް އިތުރުވެގެންދާ އެޓީއެމްއެއް ކަމަށް ބީއެމްއެލުން ބުންޏެވެ.
މާފުށީގައި ޑޮލަރު އޭޓީއެމްއެމް ބެހެއްޓުމުގެ ސަބަބުން އެ ރަށު މީހުންނަށާއި އެ ރަށުގައި ހިންގާ ވިޔަފާރިތަކަށް ފަސޭހަކަމާއެކު ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބެން ހުންނާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މާފުށީގައި ޔޫއެސް ޑޮލަރު ނެގުމާއި ޖަމާކުރުމުގެ ހިދުމަތަށް އޮތް ޑިމާންޑް އިތުރުވަމުން އަންނަ ކަމަށެވެ.
"އެހެންކަމުން މިކަމަށް އެހީތެރިވުމުގެ ގޮތުން މި ރަށުގައި ޔޫއެސް ޑޮލަރު އޭޓީއެމްގެ ހިދުމަތް ފެށޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އިގުތިސާދީ ގޮތުން މާފުށި ކުރިއަރަމުންދާއިރު، ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ ހައިސިއްޔަތުން އަޅުގަނޑުމެން މިތިބީ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކިން ހިދުމަތް 24 ގަޑިއިރު ފޯރުކޮށްދިނުމަށް އެހީތެރިވާން،" އޭނާ ވިދާޅުވިއެވެ.
ބީއެމްއެލްގެ މާފުށި ބްރާންޗުގެ ހިދުމަތްތައް ފުޅާކޮށްފައިވާ ކަމަށް ބީއެމްއެލުން ބުންޏެވެ.
މާފުށި ބްރާންޗުން ޑޮލަރު ޖަމާކުރުމާއި ނެގުން، ލޯނު އަދި ފައިނޭންސިންއަށް އެދި ހުށަހެޅުން، ޗެކް ޑިޕޮސިޓް ކުރުމުގެ ހިދުމަތް، ސްޓޭޓްމަންޓް ދޫކުރުމާއި ބޭރު ފައިސާ މާރުކުރުން ފަދަ ގިނަ ހިދުމަތްތަކެއް މިހާރު ލިބެން ހުންނާނެ ކަމަށް ބީއެމްއެލުން ބުންޏެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 86 ސެލްފްސާވިސް ބޭންކިން ސެންޓަަރު 144 އޭޓީއެމް، ކޭޝް އޭޖެންޓުގެ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލުން ބުންޏެވެ.