ރޯދަމަސް

ވަން ރެސިޕީ: ބޯކުރި ބަނބުކެޔޮ ތޮޅި

ޝަހީދާ އަބްދުﷲ ސައީދު

ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.

ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ. ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ. ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ.

އެގޮތުން ''ބޯކުރި ބަނބުކެޔޮ ތޮޅި'' އަކީ ވެސް ކުރީ ޒަމާނުގައި ދިވެހިން ތައްޔާރުކޮށް ކައި އުޅުނު ވަރަށް މީރު އެއްޗެކެވެ. މިއީ މިޒަމާނުގައި ވަރަށް މަދު މީހަކު ނޫނީ ތައްޔާރު ނުކުރާ ބާވަތެއްގެ މީރު ކެއުމެކެވެ. ބަނބުކެޔޮ ތޮޅި ބޭނުންކުރާނީ ތޮޅީގެ ބޭރުގައި ހުރި ކުނޑިތައް ވަޅިއަކުން ކަހާލުމަށްފަހު އެތެރޭގައި އޮންނަ މަދު ގަނޑެވެ. ތޮޅި ހޯދަން ކުޑަކޮށް އުނދަގޫ ނަމަވެސް، ބަނބުކެޔޮ ގަސްގަހުގެ ތޮޅިއަކީ މަދު ބަޔަކު ނޫނީ މިހާރު ބޭނުން ނުކުރާ އެއްޗެއްކަމުން މިއީ އަޖުމަ ބަލައިލަން ރަނގަޅު ކެއެމަކަށް ވާނެ އެވެ. އެއްފަހަރު ކައިފި ނަމަ ދެވަނަ ފަހަރު ނުކައި ދޫކޮށްލާނެއެކޭ ނުބުނެވޭނެ އެވެ.

ބޭނުންވާނެ ތަކެތި:

3 ޖޯޑު (ދޮންވެފައިވާ ބަނބުކެޔޮ ތޮޅި ކޮށާފައި)
1 ޖޯޑު ދިޔާ ހަކުރު
1/2 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ބަނބުކެޔޮ ތޮޅިތައް ތެއްޔަށް އުދާފައި އޭގެ ތެރެއަށް ދިޔާހަކުރު ކޮޅު އަޅާށެވެ. ހޫނުވެލީމައި އޭގެ ތެރެއަށް ފެން ފޮދު އަޅައިގެން މަޑު ގިނީގައި ކައްކާށެވެ. ހަކުރު ގަނޑު މަޅުވެ ގުޅަ ޖެހެން ފެށުމުން އުނދުންމަތިން ތެލި ބާލާށެވެ. މިހާރު ތިހުރީ ބޯކުރި ބަނބުކެޔޮ ތޮޅި ތައްޔާރުކުރެވިފައެވެ. މިއީ ކުރިންވެސް ބުނެވުނު ފަދައިން ވަރަށް މީރު ކެއުމެކެވެ.