ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ޔޫނިއަން މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް ހުވާކުރެއްވުމަށް ރޭ ބޭއްވި ރަސްމިއްޔާތަށް އެ ގައުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެނދުނެވެ.
އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމާ ގުޅޭގޮތުން ޖައިޝަންކަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އުންމީދަކީ އިންްޑިއާ އާއި ރާއްޖެއިން ގުޅިގެން، ގާތުން މަސައްކަތްކުރުން ކަމަށެވެ.
ޖައިޝަންކަރަކީ މޯދީގެ ނިމިދިޔަ ސަރުކާރުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރެވެ.