ޚަބަރު

ކުރީ ސަރުކާރުގެ "ބިންވެރިޔާ" ސްކީމުން އެޗްޑީސީއަށް 11 ބިލިއަން ރުފިޔާގެ ގެއްލުން

ބިންވެރިޔާ ސްކީމަށް ހުޅުމާލެއިން ދޫކުރި ބިމުގެ ސަބަބުން އެޗްޑީސީއަށް 11 ބިލިއަން ރުފިޔާގެ ގެއްލުން ލިބޭނެ ކަމަށް އޮޑިޓް އޮފީހުން މިއަދު ބުނެފިއެވެ.

އޮޑިޓް އޮފީހުން އާންމުކުރި މިދިޔަ އަހަރުގެ ބަޖެޓު ރިވިއުގައި، ހުޅުމާލެއިން "ބިންވެރިޔާ" ސްކީމުގެ ދަށުން ލިބޭ ގެއްލުމުގެ އަދަދު 7.2 ބިލިއަން ރުފިޔާ އާއި 10.5 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެއީ ބިމުގެ އަގު ކަމުގައިވާ 7.7 ބިލިއަން ރުފިޔާ އާއި ވިޔަފާރުތަކަށް ބިން ދޫކޮށްގެން ލިބޭނެ ކަމަށް ލަފާކުރާ 3.3 ބިލިއަން ރުފިޔާގެ އާމްދަނީ އެޗްޑީސީއަށް ގެއްލުމުންނެވެ.

އޮޑިޓް އޮފީހުން ބުނީ، އެޗްޑީސީއަށް ލިބޭނެ ކަމަށް ލަފާކުރި 3.3 ބިލިއަން ރުފިޔާގެ އާމްދަނީގެ ބަދަލެއްގެ ގޮތުން "ގަލުފަޅު" އާއި މާގިރިފަޅު" އެ ކުންފުންޏަށް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން އެޗްޑީސީއަށް ގެއްލިގެންދާ 7.7 ބިލިއަން ރުފިޔާގެ ބަދަލެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއާ އެކު މަޝްވަރާތައް ކުރަމުން އަންނަ ކަމަށްވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އޮޓިޑް ރިޕޯޓުގައި ބުނީ، ރާއްޖޭގެ އެންމެ އަގު ބޮޑު ބިމުން ހިލޭ ބިން ދޫކުރުމުގައި މުޅި ދައުލަތަށް މާލީ ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށާއި އެކަމުގެ ބުރަ އަންނަން އޮތް އަހަރުތަކުގައިވެސް އުފުލަން ޖެހޭނެ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން 1،000 ގޯތި ވަނީ ދޫކޮށްފައެވެ. އެއީ 1.2 މިލިއަން އަކަފޫޓުގެ ބިމެވެ.