ސިޔާސީ ޕާޓީތަކުގެ އޮޑިޓް ރިޕޯޓް މިހާތަނަށް ހުށަހަޅާފައިވަނީ އެމްޑީޕީ، އެމްޑީއޭ އަދި ޖޭޕީ އިން ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ތަރުޖަމާނު އަހްމަދު އަކުރަމް ވިދާޅުވެއްޖެއެވެ.
އަކުރަމް މިހެން ވިދާޅުވެފައިވަނީ ''ވަން އޮންލައިން'' އަށް ފޯނުން މައުލޫމާތުދެއްވަމުންނެވެ. މާދަމާއަކީ ސިޔާސީ ޕާޓީތަކުން އޮޑިޓް ރިޕޯޓު ހުށަހެޅުމުގެ ފަހު ތާރީހެވެ. ނަމަވެސް މިހާތަނަށް މި ރިޕޯޓު ހުށަހަޅުއްވާފައިވަނީ އެންމެ ތިން ޕާޓީންނެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި ޕާޓީގެ އަހަރީ ހިސާބުތައް، އޮޑިޓާ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރަކު މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހު، އެ އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ޖެހެއެވެ.
ގާނޫނުގައި ކަނޑައަޅަފައިވާ މުއްދަތުގައި އޮޑިޓް ރިޕޯޓު ހުށަނޭޅިއްޖެ ނަމަ ވިހިހާސް ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ގާނޫނުން ލިއްބައިދެއެވެ. އަކުރަމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 90 ދުވަސް ގުނަނީ ބަންދު ދުވަސްތައް ނުލައި ކަމަށާއި އެގޮތަށް ގުނުމުން 90 ދުވަސް ހަމަވާނީ މާދަމާގެ ނިޔަލަށް ކަމަށެވެ.
މިހާތަނަށް އޮޑިޓް ރިޕޯޓް ހުށަނާޅަނީ ޑީއާރްޕީ، އަދާލަތު ޕާޓީ، ޕީޕީއެމް، އެމްޓީޑީ، ލޭބަރ ޕާޓީ އަދި ޕީއެންސީ އެވެ.