މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
އެޓާނީ ޖެނެރަލް އޮފީހުން އިއްޔެ އާންމުކުރި އިއުލާނެއްގައި އާބިޓްރޭޝަން ސެންޓަރގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އާބިޓްރޭޝަނުގެ ޤާނޫނުގެ 75 ވަނަ މާއްދާގައިވާ ގޮތުގެ މަތީންނެވެ. އެގޮތުން ސީއީއޯގެ މަގާމަށް މީހަކު އައްޔަން ކުރާނީ އާބިޓްރޭޝަން ސެންޓަރުގެ ޑިރެކްޓަރުންގެ ބޯޑުގެ ލަފާގެ މަތިން އެ ސެންޓަރުގެ ޗެއާމަނެވެ.
އާބިޓްރޭޝަން ސެންޓަރުގެ ސީއީއޯގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 26ގެ ނިޔަލަށެވެ. މުސާރައާއި އިނާޔަތްތަކާއެކު މަހަކު 35،000ރ. ލިބޭ މި މަގާމަށް ކުރިމަތިލެވެނީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން ނުވަތަ އާބިޓްރޭޝަންގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވާ އަދި ހިންގުމުގެ ދާއިރާގައި މަދުވެގެން ހަ އަހަރުގެ ތަޖްރިބާ ލިބިފައިވާ މީހަކަށެވެ.