އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް މުއިއްޒު މަގާމުގެ ހުވާކުރެއްވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މޯދީ މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތު އޮންނާނީ މާދަމާއެވެ
ރައީސް އޮފީހުން ބުނީ، ރައީސްގެ އެ ދަތުރުފުޅުގައި ދިވެހި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މޮދީ މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖަގުނޯތާއި ނޭޕާލުގެ ބޮޑު ވަޒީރު ޕުޝްޕާ ކަމާލް ދަލާލު އަދި ބޫޓާނުގެ ބޮޑުވަޒީރު ޝެރިން ޓޮބްގޭ ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޑރ. މުއިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ދެއްވި ދައުވަތު ގަބޫލުކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހަޔާ ކޮމިޝަނާ މުނު މަހާވާރު، މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގެ ތެރެއިން ރައީސަށް ދައުވަތު ދެއްވައި ފޮނުއްވި ސިޓީފުޅު އެރުވުމުންނެވެ.
އެ ބައްދަލުކުރެއްވުމުގައި ސަފީރު ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވުމަށް މޯދީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ދައުވަތު ދެއްވި ކަމަށްޓަކައި މޯދީއަށް ޝުކުރު އަދާކުރައްވައި ރައީސް ވިދާޅުވީ އެ ތާރީހީ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށެވެ. އަދި އިންޑިއާއާ އެކު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޮޑުވަޒީރާ އެކު މަސައްކަތް ކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށާއި ރާއްޖެ އާއި އިންޑިއާގެ ގުޅުން ބަދަހިވެ، ދެ ގައުމުގެ ގުޅުން ކުރިއަށްދަނީ ރަނގަޅު މިސްރާބަށްކަން މި ދަތުރުފުޅުން ރަމްޒުކޮށްދޭ ކަމަށްވެސް ވިދާޅުވިއެވެ.