އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް މާދަމާ ހުވާ ކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ގައުމަށް ވަޑައިގަންނަވާތީ، އިންޑިއާގެ މީޑިއާގެ ސަމާލުކަން އެ ދަތުރުފުޅަށް ލިބިއްޖެއެވެ.
މާދަމާގެ ރަސްމިއްޔާތަށް ވަޑައިގަންނަވާ އަވައްޓެރި ގައުމުތަކުގެ އިސްވެރިންނަށް މަރުހަބާ ދެންނެވުމަށް ބިލް ބޯޑުތައް ހަރުކުރަމުންދާ އިރު ރައީސް މުއިއްޒު އަށް މަރުހަބާ ކިޔުމަށް ހަރުކޮށްފައި ހުރި ބޯޑެއްގެ ފޮޓޯއަކާ އެކު އިންޑިއާގެ މަޝްހޫރު ނިއުސް ޗެނަލެއް ކަމަށްވާ އެންޑީޓީވީގެ ވެބްސައިޓުގައި ބުނެފައިވަނީ، ދެ ގައުމުގެ ހީނަރުވެފައި އޮތް ގުޅުމާއެކުވެސް އިންޑިއާ އިން ރައީސް މުއިއްޒަށް ހޫނު މަރުހަބާ އެއް ކިޔަން ތައްޔާރުވެފައިވާ ކަމަށެވެ.
މޯދީ އާއި ރައީސްގެ ފޮޓޯފުޅާ އެކު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ބޭރުގައި ހަރުކޮށްފައި ހުރި ބޯޑުގައި "އިންޑިއާ އަށް މަރުހަބާ" ޖަހާފައި ވެއެވެ.
ރައީސް އިންޑިއާއަށް ފުރާވަޑައިގަންނަވަނީ މިރޭގެ ވަގުތެއްގައެވެ.
އެންޑީޓީވީން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ.
ރައީސް އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އަލުން ބަދަހިކުރުމުގެ ހެޔޮ ފާލެއް ކަމަށްވެސް އެންޑީޓީވީން ބުނެފައިވެއެވެ.